މާލޭގެ ހުރިހާ ޕާކްތަކެއް އާންމުންނަށް ބަންދުކޮށްފި

ޖުމްހޫރީމައިދާން ސަރަހައްދު --

ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނި އެކަމުގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ބަލި އިތުރަށް ފެތުރުނަ ނުދިއުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ދަށުން މާލޭގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކުރަން ނިންމައިފިއެވެ.

އެތަންތަން ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން ޖުމްހޫރީ މައިދާނާއި، ސަލްޓަންޕާކް އަދި މާލޭގެ ހުރިހާ ޕާކްތަކެއް އާންމުންނަށް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އެތަންތަން ބަންދުކުރަން ނިންމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ އަށް މީހަކު ފެނިފައިވާ އިރު، އެ ވައިރަސް އިތުރަށް ފެތުރިގެން ނުދިޔުމަށް ހާއްސަ ފިޔަވަޅުތަކެއް އެޗްޕީއޭއިން އަންނަނީ އަޅަމުންނެވެ.

ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ 8 މީހަކު ވަނީ ފެނިފައެވެ. އަދި އެ މީހުންނަށް ފަރުކޮޅުފުށީގައި އަންނަނީ ފަރުވާ ވެސް ދެމުންނެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި އެ ހުރިހާ އެންމެންގެ ހާލަތުވެސް ރަނގަޅެވެ. ކޮވިޑް19 ޖެހިފައިވާ މީހުންނަކީ ހުސް ބިދޭސީންނެވެ. އެއީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސް ތިބި ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *