ކޮވިޑް19 އަށް ކުރެއްދޫ އިން 10 މީހަކު ޓެސްޓު ކުރަނީ

ކުރެއްދޫ ރިސޯޓް ---

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި އެކަހެރިކޮށްފައިވާ 10 މީހަކު ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ކުރެއްދޫ އައިލަންޑް ރިސޯޓުގައި އެކަހެރިކޮށްފައިވާ 10 މީހެއްގެ ގައިން ކޯވިޑް19 އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެންނާތީ އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކުރެއްދޫ ރިސޯޓުގެ 10 މީހަކު ވައިރަހަށް ޓެސްޓު ކުރަމުންދާއިރު، އެ ރިސޯޓުގައި ތިބި ހަތަރު މީހަކު މިހާތަނަށް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

އަދި ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިއަކާއި ކުރަމަތި އައިލޭންޑް ރިސޯޓުގައި ތިބި ދެ ބިދޭސީއަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮރޯނާވައިރަހަށް ރާއްޖެއިން ބަޔަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިއަދު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ރާއްޖެއިން އަށް މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.