އިންޑީއާގެ އޮން އެރައިވަލް ވިސާ ދިވެހިންނަށްވެސް މެދުކެނޑިއްޖެ

އިންޑިއަން އިންޓަނޭޝަނަލް އެއާޕޯޓް/ ފޮޓޯ-ސްޕޮޓްލައިޓް

އިންޑިއާއަށް އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މި ޚިދުމަތް ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، ދިވެހި ރައްޔިތުންނަށްވެސް އިންޑިއާއަށް ޒިޔާރަތް ކުރުމުގައި އޮންނަ އޮން އެރައިވަލް ވިސާގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ އަކީ ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ޤައުމަކަށްވެފައި، އަދި ހާއްސަކޮށް ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ޚިޔާރުކުރާ އެއް ޤައުމުކަމަށްވާތީ، ކޮންމެހެން އިންޑިއާއަށް ޒިޔާރަތްކުރަން މަޖްބޫރުވާ ފަރާތްތަކުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ވަޑައިގެން ވިސާ ނެންގެވުމަށް އިންޑިއާ ސަރުކާރުން އެދިވަޑައިގެންފައިވާ ކަމަށެވެ.

އިންޑިއާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އިންޑިއާގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް ފޮރިން މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

އަދި އިންޑިއާށް ދަތުރުކުރާ ފަރާތްތަކުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން، ނުވަތަ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރެޖިސްޓަރ ކުރުމަށްވެސް އެ މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި އެ މިނިސްޓްރީއިންވަނީ ފާހަގަކޮށްފައެވެ.

މުޅި ދުނިޔޭގައި ބާރުކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަކީ ޕެންޑެމިކް އެއްކަމުގައި ވާލްޑް ހެލްތް އޯގަނައިޒޭޝަން އިން ނިންމުމާ ގުޅިގެންނާއި، މި ވައިރަސް ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުން އަންނާތީ އިންޑިއާ ސަރުކާރުން ވަނީ އެ ޤައުމަށް ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމަށް އިޢުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.