އެކްސްކާޝަން އަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް އަންގައިފި

ފަތުރުވެރިންތަކެއް ރިސޯޓެއްގައި --

މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ގޮވައިގެން އެކްސްކާޝަންތަކަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް19 އާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަންއަށް ދިއުމާއި އަދި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކާޝަން އަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް ދަންނަވާ ކަަމަށެވެ.

އެޗްޕީއޭ އިން އިތުރަށް އެ ބަޔާނުގައި ބުނީ އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އާއްމު ފަރުދުންނާއި ކުންފުނިތަކުންނާއި ފަތުރުވެރިންވެސް ސަމާލުވެ އެންގުންތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތުތައް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 98 މީހެއްގެ ސާމްޕަލް ނެގިފައިވާއިރު 81 ކޭސްއެއް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އިތުރަށް ދެ ކޭސްގެ ނަތީޖާ ނުލިބޭ ކަމަށާއި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ޓްރޭސްވި 243 މީހަކާއި ކޮންޓެކްޓް ޓްރޭސް ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ވަނީ އިއުލާން ކޮށްފައެވެ. އެކަން އިއުލާން ކުރެއްވީ ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އިއުލާން ކުރީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިނިސްޓަރުވަނީ އިއުލާންކޮށްފައެވެ.

އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކަކީ، ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން، މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން، ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާއި ދިޔުން މަނާކުރުމުގެ އަމުރު ނެރުން އަދި ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރު ކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުމެވެ.

މިނިސްޓަރު ވިދާޅުވީ، މި ވަގުތު ރާއްޖެއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، ކޮރޯނާވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން އިއުލާންކޮށްފައި ވުމާއި ރާއްޖެއާ ކައިރި ސަރަހައްދުތަކުގައި އަދި ދުނިޔޭގައި ވެސް އެ ވައިރަސް ފެތުރެމުންދާ ގޮތަށް ބެލުމަށް ފަހު ،ރާއްޖޭގައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅޭނީ އެގޮތަށް ކަމަށް ވާތީ ކަމަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.