ދަރިވަރުންނަށް ފިވާޅުތައް ނަގައި ދިނުމުގައި ޕީއެސްއެމްއާ ޔޫޓިއުބްގެ އެހީތެރިކަން!

ސްކޫލްތަކުގެ ދަރިވަރުން/ ފޮޓޯ- އަވަސް

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން ވަގުތީ ގޮތުން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނީ ޕީއެސްއެމްގެ ޗެނަލްތަކުންނާއި ޔޫޓިއުބު ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހުގެ 15ވަނަ ދުވަހުން ފެށިގެން މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ސްކޫލުތަކުގައި ކިޔަވައި ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރު ނުކުރާނެ ކަމަށްވެސް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ. އެހެންނަމަވެސް އެ މުއްދަތުގައިވެސް ދަރިވަރުންނަށް ފިލާވަޅުތައް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެގޮތުން އެޑިއުކޭޝަނުން ބުނީ ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނީ ޕީއެސްއެމްގެ ޗެނަލްތަކުންނާއި ޔޫޓިއުބު ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ އިންޓްރެކްޓިވް ސެޝަންތައް ކުރިޔަށް ގެންދެވޭނީ އެޑިއުޕޭޖާއި ގޫގުލް ކްލާސް ރޫމާއި ޓެޑް އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށެވެ. އަދި އިތުރު ރިސޯސްތައް އެކަމަށް ހާއްސަ ކުރެވިފައިވާ ވެބް ޕޯޓަލްއާ ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެޑިއުކޭޝަނުން ބުނީ އެ މިނިސްޓްރީން މިހާރު ތައްޔާރުވަމުން ގެންދަނީ އެ ގޮތަށް ދަރިވަރުންގެ ފިލާވަޅުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު ގްރޭޑު 10 އެއްގައި ކިޔަވާ ދަރިވަރުންނާއި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް ލިބިގެންދާނެ ކަމަށެވެ. އަދި އެހެނިހެން ގްރޭޑުތަކުގެ ފިލާވަޅުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ބުންޏެވެ.

ސްކޫލުތައް މިހާރު ވަނީ މިޑްޓާމް ބަންދަށް މެދުކަނޑާލާފައެވެ. އަދި މިހާރު ރާއްޖޭގައި ކޮވިޑް19 ފެތުރެމުން ދާތީ އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ ރޭ ސަރުކާރުން ވަނީ ސްކޫލުތައް އެއް ހަފްތާއަށް ހުޅުވުން ފަސްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.