ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖޭއިންވެސް ފެނިފައިވާއިރު، އެބަލި ފެތުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ސިއްހީ މާހިރުންގެ ޓީމައަކާއެކު ބޭސްފޯރުކޮށްދޭން އުޅުމުން އެ އެހީ ދިވެހި ސަރުކާރުން ގަބޫލުނުކުރި ކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފައިވަނިކޮށް އެކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ދޮގު ކުރައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު ބޭސް ރާއްޖެއަށް ފޮނުވަދޭނެކަމަށް ޗައިނާ އިން ބުނުމުން، އެކަމަށް ދިވެހި ސަރުކާރުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.
#Covid19 emme rangalhah managekuramun anna eh qaumu kamahva China in e qaumuge Respiratory Physicianun adhi Pulmonologistun himeney teamakaai eku medical supply foarukohdhen offer kurumun e offer Dhivehi Sarukarun reject kuri sababu Raees @ibusolih saafukohdhevvun varah edhen.
— Ahmed Shiyam (@Shiyamaldives) March 12, 2020
މީގެ އިތުރުން އިދިކޮޅުގެ ފަރާތުން ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ޗައިނާގެ ސިއްހީ މާހިރުންނަށް ލިބިފައިވާ ތަޖުރިބާއާއި ފަންނީ ލަފާ ޔޫރަޕާ ހިއްސާކުރަމުންދާ ދަނޑިވަޅެއްގައި، ރާއްޖެއަށްވެސް އެފަދަ އެހީތެރިކަމެއް ދޭން ތިބި ބަޔަކާއެކު މަސައްކަތް ކުރުން މި ދަނޑިވަޅުގައި މުހިންމު ކަމަށެވެ.
I hope no one is blocking our Foreign Ministry from seeking medical assistance from Chinese Experts, especially when our country is badly in need of medical & related facilities. I blv the European decisions says it all. @ibusolih @abdulla_shahid @MohamedNasheed @AmbassadorZhang https://t.co/3XLtNcYrY6
— Mohamed Saeed (@em_saeed) March 12, 2020
ޒަންގް ލިޒޯންގް މިފަދައިން ވިދާޅުވެފައި ވަނީ ޓުވީޓާގައި މީހަކު އޭނާއާ އެއީ ތެދެއްތޯ ބުނެ ސުވާލު ކުރުމުންނެވެ. އެމީހާ ކުރި ސުވާލުގައި ދިވެހި ސަރުކާރުން އެފަދަ ކަމެއް ކުރިތޯ ސުވާލު ކޮށްފައި ވެއެވެ. އަދި ޖަވާބުގައި ޒަންގް ލިޒޯން ވިދާޅުވީ ދިވެހި ސަރުކާރުން އެފަދަ ކަމެއް ކޮށްފައިނުވާ ކަމަށެވެ.
no
— Amb. Zhang Lizhong (@AmbassadorZhang) March 12, 2020
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު މިހެން ވިދާޅުވެފައިވުމުން އިދިކޮޅުން ދައްކަމުން ގެންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވަނީ އެނގިފައެވެ.
އިދިކޮޅުން މިފަދަ ތުހުމަތެއް ކޮށްފައިވާއިރު، މިއަދު ކޮވިޑް19 އާއި ގުޅިގެން ގައުމާއި މުހާތަބް ކުރައްވާ ދެއްވި ހާއްސަ ހިތާބުގައި ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް މިހާރު ހުރީ ހަމަޖެހިފައި ކަމަށެވެ. އަދި ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިޔާއިން މިހާރު ވަނީ ނިންމާފައިކަމަށާއި، ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށް ވެސް އިންޑިޔާއިން ވަނީ ނިންމާފައި ކަމަށެވެ. އޭގެ އިތުރުން ރަޙްމަތްތެރި އެހެން ގައުމުތަކުން ވެސް، ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައިކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވަނީ އިއުލާން ކޮށްފައެވެ. އަދި ކޮރޯނާ ވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިއުލާންކޮށްފައެވެ.