މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނުވިސްނަން: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް/ ފޮޓޯ- ރައީސް އޮފީސް

ކޮވިޑް19 އާއި ގުޅިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ނުވިސްނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ކޮވިޑް19 އާއި ގުޅިގެން މިއަދު ގައުމާއި މުހާތަބް ކުރައްވާ ދެއްވި ހާއްސަ ހިތާބުގައެވެ. ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ގަސްދު ނުކުރައްވާ ކަމަށެވެ.

އަދި ސަރުކާރުން މަސައްކަތް ކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލައި ކުރިއަށް ގެންދިއުން ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށްގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރުވަނީ ފަށާފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީގައި ނުހިމެނޭ ހަރަދުތައް ކުޑަކުރަން މިހާރު ވަނީ ނިންމާފައިކަމަށައި، އަދި ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ބައެއް ހަރަދުތައް ވެސް މިވަގުތަށް ވާނީ ކުޑަކޮށްލާފައި ކަމަށެވެ.

އޭގެ އިތުރުން ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާ އެކު މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް ސަރުކަރުން އަންނަނީ މަސައްކަތް ކުރަމުންކަމަށައި، މިކަމުގައިވެސް އެކުވެރި ގައުމުތަކުންނާއި މާލީ އިދާރާތަކުން ވަނީ ފެހި ސިގްނަލެއް ލިބިފައި ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.