ލޯކަލް ކައުންސިލް އިންތިހާބް ފަސްކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންތައް/ ފޮޓޯ- އީސީ

ކޮވިޑް-19އާއި ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މީގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު ފަސް ކުރަން ނިންމީ ކޮވިޑް19 އާ ގުޅިގެން މިހާރު ގައުމުގައި އޮތް ހާލަތު ބެލުމަށް ފަހު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އެދި ކުރީގެ ރައީސް މައުމޫންވެސް ވަނީ ގޮވާލާފައެވެ. އަދި އެމްއާރްއެމްއިން ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްދިނުމަށް އެދި އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ސިޓީ އެއްވެސް ފޮނުވާފައެވެ.

މިކަމާއި ގުޅިގެން ގައުމީ ލަފާ ދޭ ކޮމެޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އެކަން ކުރެވޭނީ ޝަރުއީ ކޯޓަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި އިންތިހާބެއް ނުބޭއްވޭ ފަދަ ހާލަތެއް އަދި ނެތް ކަމަށެވެ. ހުދު އެ ކޮމިޝަނުގެ އެއްވެސް މެންބަރަކަށް އެފަދަ ހާލަތެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެފަދަ ހާލަތެއް ރާއްޖެއަށް މެދުވެރިވެއްޖެ ނަމަ އިންތިހާބު ފަސް ކުރުމުގެ އިޝްތިޝާރީ ލަފަޔަކަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

ނަމަވެސް މިއަދު އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އެ ކޮމިޝަނުން އަބަދުވެސް އަޑު އަހާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ގާނޫނު ބުނާ މުއްދަތަށް ވުރެ އިންތިހާބު ފަސް ކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

ގާނޫނު ބުނާގޮތުން މިހާރު ހިނގަމުންދާ ކައުންސިލްގެ މުއްދަތު ހަމަވުމުގެ އެއް މަސް ކުރިން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެ އެވެ. އެހެންކަމުން އިންތިޚާބު ބޭއްވުމުގެ އެންމެ ފަހުގެ ތާރީހަކީ މޭމަހުގެ 3 ވަނަ ދުވަހެވެ. އެއަށްވުރެ ފަސް ވާނަމަ ހައި ކޯޓުގެ ލަފާ ހޯދަން ޖެހޭނެ އެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.