އެއްވެސް ރަށަކުން ކާޑުގެ ބާވަތެއް ހުސް ނުވާނެކަމުގެ ޔަގީންކަން ދެން: ރައީސް

ދ. ރިނބުދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް ހުސް ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ކޮވިޑް19 އާއި ގުޅިގެން މިއަދު ގައުމާއި މުހާތަބް ކުރައްވާ ދެއްވި ހާއްސަ ހިތާބުގައެވެ. ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، ހުސް ނުވާނެކަމަށާއި، އެސްޓީއޯއޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

” މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާ އެކު ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް. ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސް ނުވާނެކަމުގެ ޔަޤީންކަން ދެން. އެސްޓީއޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި.” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ،  ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް މިހާރު ހުރީ ހަމަޖެހިފައި ކަމަށެވެ. އަދި  ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިޔާއިން މިހާރު ވަނީ ނިންމާފައިކަމަށާއި، ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށް ވެސް އިންޑިޔާއިން ވަނީ ނިންމާފައި ކަމަށެވެ.

އޭގެ އިތުރުން ރަޙްމަތްތެރި އެހެން ގައުމުތަކުން ވެސް، ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައިކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ރަށްތަކުގައި ކާޑުގެ ބާވަތްތަކާއި، ބޭސް ހުސްވެދާނެ ކަމަށް ބުނެ ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން އެސްޓީއޯއިން ބުނީ ކާޑުގެ ބާވަތްތައް ހުސްނުވާނެ ކަމަށެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވަނީ އިއުލާން ކޮށްފައެވެ. އަދި ކޮރޯނާ ވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިއުލާންކޮށްފައެވެ. ކޮވިޑް19 ޖެހިގެން މިހާތަނަށް ރާއްޖެއިން 8 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.