ކޮވިޑް19: ވިލިވަރުގައި ކަރަންޓީން ކޮށްފައިވާ 3 މީހަކު ނެގެޓިވް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ވިލިވަރުގައި ކަރަންޓީންކޮށްފައި ހުރި ތިން މީހުންވެސް ކޮވިޑް19 އަށް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ވިލިވަރުގައި ކަރަންޓީން ކޮށްފައިހުރި ދިވެއްސަކާއި ދެ ބިދޭސީންވެސް ކޮވިޑް19 އަށް ޓެސްޓުކޮށްފައިވާ ކަމަށާއި، އެ ތިން މީހުންވެސް ކޮވިޑް19 އަށް ނެގެޓިވް ކަމަށެވެ. މި ތިން މީހުންވެސް ކޮވިޑް19 އަށް ދެ ފަހަރު މަތިން ޓެސްޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދި އެ ތިން މީހުން ކޮވިޑް19 އަށް ނެގެޓިވް ވުމާއެކު، ވިލިވަރު ކަރަންޓީން ފެސިލިޓީއިން މިހާރު ހޯމް އައިސޮލޭޝަން އަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވިލިވަރުގައި ކަރަންޓީންކޮށްފައިވާ ދިވެއްސަކާއި، އިތުރު ދެ ބިދޭސީއަކު ކޮވިޑް19 އަށް ނެގެޓިވް ވެފައިވާއިރު، މެލޭޝިއާއިން ރާއްޖެއައި ދިވެއްސަކުވެސް ވަނީ ކޮވިޑް19 އަށް ނެގެޓިވް ވެފައެވެ. އެމީހާ ކަރަންޓީންކޮށްފައިވަނީ އިއްޔެ މެލޭޝީޔާއިން ރާއްޖެއައި ފަހުންނެވެ. އެޗްޕީއޭ އިން ބުނީ، އެމީހާއަކީ ކޮވިޑް19 އަށް ޕޮިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ދިވެހިރާއްޖެއަށް އައި ފަރާތެއް ކަމަށެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވަނީ އިއުލާން ކޮށްފައެވެ. އަދި ކޮރޯނާވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިއުލާންކޮށްފައެވެ. ކޮވިޑް19 ޖެހިގެން މިހާތަނަށް ރާއްޖެއިން 8 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ.

Leave a Reply

Your email address will not be published.