ރޯގާ ޖެހޭ މީހުން އިތުރުވާނަމަ އެލާޓް ލެވެލް މަތިކުރުމަށް މަޝްވަރާކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓު: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ރޯގާޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާނަމަ، ރޯގާގެ ޙާލަތު އޮރެންޖް އެލާޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ކެބިނެޓްގައި މިއަދު މަޝްވަރާކޮށްފި އެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު މިހާރުވަނީ ޔެލޯ އެލާޓުގައެވެ. އަދި ކޮވިޑް19 އަކީ ޕެންޑެމިކެއް ކަމަށް ޑަބްލިޔޫ.އެޗް.އޯ އިން އިޢުލާނުކުރުމާ ގުޅިގެން އަޅުއްވަންޖެހޭ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވުނެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު ޔެލޯ އެލާޓް ނެރެފައިވުމާއެކު، ރޯގާޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާނަމަ، ރޯގާގެ ޙާލަތު އޮރެންޖް އެލާޓަށް ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި ކަންތައްތައް ގެންދާނެގޮތާއި، އިތުރަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

އަދި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މިކަމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވަނީ އިއުލާން ކޮށްފައެވެ.

އެކަން އިއުލާން ކުރެއްވީ ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ. މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އިއުލާން ކުރީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިނިސްޓަރުވަނީ އިއުލާންކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *