ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.

އެކަން އިއުލާން ކުރެއްވީ ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އިއުލާން ކުރީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިނިސްޓަރުވަނީ އިއުލާންކޮށްފައެވެ.

އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކަކީ، ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން، މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން، ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާއި ދިޔުން މަނާކުރުމުގެ އަމުރު ނެރުން އަދި ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރު ކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުމެވެ.

މިނިސްޓަރު ވިދާޅުވީ، މި ވަގުތު ރާއްޖެއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، ކޮރޯނާވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން އިއުލާންކޮށްފައި ވުމާއި ރާއްޖެއާ ކައިރި ސަރަހައްދުތަކުގައި އަދި ދުނިޔޭގައި ވެސް އެ ވައިރަސް ފެތުރެމުންދާ ގޮތަށް ބެލުމަށް ފަހު ،ރާއްޖޭގައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅޭނީ އެގޮތަށް ކަމަށް ވާތީ ކަމަށެވެ.

ކޮރޯނާވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިއުލާންކޮށްފައެވެ. ކޮވިޑް19 ޖެހިގެމް މިހާތަނަށް ރާއްޖެއިން 8 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. މުޅި ދުނިޔެއިން މި ވަިއރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 126،380 އަރާފައިވާއިރު، ކޮވިޑް19 ޖެހިގެން މިހާތަނަށް 4،634 މީހުންވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.