އިންތިހާބާއި ގުޅޭ ގޮތުން އީސީގެ ނިންމުން މިރޭ ހާމަކުރަނީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް: ފޮޓޯ / ހަތާވީސް

ކޮވިޑް19 ރާއްޖެއިން ފެނިފައިވުމުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން މިރޭ ހާމަކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އެ ކޮމިޝަނުން އަބަދުވެސް އަޑު އަހާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ހާލަތު ރަނގަޅަށް އޮޅުން ފިލުވުމަށްފަހު ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނުގެ ނިންމުން މިރޭ ހާމަ ކޮށްދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ ގާނޫނު ބުނާ މުއްދަތަށް ވުރެ އިންތިހާބު ފަސް ކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

އިންތިހާބު ފަސް ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ މޮނީޓަރިން ކޮމިޓީއާ މަޝްވަރާނެ ކަމަށް އަކްރަމް ރޭ ވަނީ ވިދާޅުވެފައެވެ. ގިނަ ބަޔަކު އަންނަނީ އިންތިހާބު ފަސް ކުރުމަށް ގޮވާލަމުންނެވެ. އަދި އިންތިހާބު ފަސް ކުރުމަށް އެދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ ފަރާތުން އިލެކްޝަނަށް ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ.

އިއްޔެ ބޭއްވި ގައުމީ ލަފާ ދޭ ކޮމެޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އެކަން ކުރެވޭނީ ޝަރުއީ ކޯޓަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވަންޖެހޭ ތާރީހުގައި ނުބާއްވާ ތާރީހަށް ބަދަލު ގެނައުމުގެ ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން ކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަން ޖެހޭނީ ކޯޓު މެދުވެރިކޮށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި އިންތިހާބެއް ނުބޭއްވޭ ފަދަ ހާލަތެއް އަދި ނެތް ކަމަށެވެ. ހުދު އެ ކޮމިޝަނުގެ އެއްވެސް މެންބަރަކަށް އެފަދަ ހާލަތެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެފަދަ ހާލަތެއް ރާއްޖެއަށް މެދުވެރިވެއްޖެ ނަމަ އިންތިހާބު ފަސް ކުރުމުގެ އިޝްތިޝާރީ ލަފަޔަކަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.