އާފިޔާގެ މައްޗަށް ހުކުމް އިއްވުން ފަސްކޮށްފި

މުހައްމަދު އިބްތިހާލް އަދި ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު-

ވ. ރަކީދޫގައި އަނިޔާވެރިކޮށް މަރާލި މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުހައްްމަދުގެ މައްޗަށް ހުކުމް ކުރުމަށް މިއަދު އޮތް ނަމަވެސް އެ މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފިއެވެ.

އެ މައްސަލާގައި ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ވަނީ އެހެން ދުވަހަކަށް ފަސް ކޮށްފައެވެ. އެއީ އެ މައްސަލަ އަދިވެސް ދިރާސާ ކުރަމުން ގެންދާތީ ކަމަށް އެ ކޯޓުން ބުންޏެވެ. އިބްތިހާލު މަރާލުމުގެ ދައުވާ ދައުލަތުން އިބްތިހާލުގެ މަންމަ އާފިޔާއަށް އުފުލާފާއިވާއިރު ދެ ދައުވާއެއް އާފިޔާގެ މައްޗަށް ވަނީ އުފުލާފައެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާއާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.

މި މައްސަލާގައި މިދިޔަ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ މައްސަލައަށް ހުކުމް އިއްވުމުގެ ކުރިން ހުލާސާ ބަޔާން އިއްވާފައެވެ.

ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އާފިޔާ ދައުވާއަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ބުނީ ފަނޑިޔާރަކާއި ވަކީލެއްގެ ހާޒިރުގައި އާފިޔާ ވެފައިވާ އިއުތިރާފަކީ ގަޟާއީ އިއުތިރާފެއް ކަމަށާއި ގާނޫނީ ހަމަތަކުގެ މަތިން ބަލާއިރު އެ އިއުތިރާފަކީ ރުޖޫއުވެވިދާނެ އިއުތިރާފެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މީގެއިތުރުން ދައުލަތުން ބުނީ މި މައްސަލާގައި ގާނޫނު އަސާސީގެ ދަށުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރި ކަމަށް ދައުލަތަށް ގަބޫލު ކުރެވޭކަން ފާހަގަކޮށްފައިވާއިރު ދައުލަތުން ވަނީ އިސްލާމީ ޝަރީއަތުގައި ހައްދު ތަންފީޒު ކުރުމަށް ބަލާ މިންގަނޑުގައިވެސް ހެކި އެބަ ހުރި ކަމަށް ބުނެ އާފިޔާއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ.

ޑޮކްޓަރުންގެ ރިޕޯޓުތަކަށް ރިއާޔަތްކޮށް ދައުލަތުން ބުނީ އާފިޔާގެ ނަފްސާނީ މައްސަލަތަކެއް ނޫޅޭ ކަމަށް ނަފްސާނީ ޑޮކްޓަރ އާއިޝަތު އަލީ ނާޒުގެ ހެކިބަހުންވެސް އެނގިގެންދާ ކަމަށެވެ. އަދި އާފިޔާއަކީ ހަމަ ބުއްދި ފިލައިގެންދާ ވަރުގެ މީހެއް ނޫން ކަމަށާއި ކޮންމެވެސް ވަރަކަށް ނަފްސާނީ މައްސަލަތައް ހުރި ނަމަވެސް އާފިޔާގެ ވިސްނުމުގެ ތޫނުފިލިކަމާއި، ކަންކަން ދެނެގަތުމުގެ ގާބިލިއްޔަތުކަން އާދައިގެ އެހެން އިންސާނުންނެކޭ އެއް ހަމައެއްގައި އާފިޔާގެ ގައިގައި އެބަހުރި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *