ކޮވިޑް19: އިންޑިއާގެ ސިއްހީ މާހިރުންނާއި ހިދުމަތްތެރިންގެ ޓީމެއް ރާއްޖެއަށް ފޮނުވަނީ

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް އެހީތެރިވުމަށް ނިންމައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މުޅި ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލި މަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ނިންމުމާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް އެހީވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ ސިއްހީ މާހިރުންނާއި ހިދުމަތްތެރިންގެ ޓީމެއް ރާއްޖެއަށް ފޮނުވަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއިން އިންޑިއާއަށް ފޮނުވާ ޓީމުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންގެ އިިތުރުން ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުންވެސް ހިމެނޭ ކަމަށް ހައި ކޮމިޝަނުގެ ބަޔާނުގައިވެއެވެ. މީގެއިތުރުން ކޮވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެއަށް ހަދިޔާ ކުރުމަށްވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. މި ބޭސްތަކަކީ އިންޑިއާއިން އެކްސްޕޯޓު ކުރުމަށް މަނާ ކޮށްފައިވާ ބޭސްތަކެކެވެ. ނަމަވެސް އެ ބަޔާނުގައި ބުނީ ބޭސްތައް ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމީ އިންޑިއާ އަދި ރާއްޖެއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ.

ހަމައެއާއެކުގައި އިންޑިއާ ސަރުކާރުން ވެސް ވަނީ ބައެއް އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވިޑް19 ގެ ސަބަބުން އެގައުމަށް އެހެން ގައުމުތަކުން އެތެރެވާ މީހުންނަށް އޮން އެރައިވަލް ވިސާ ދޫކުރުން މަޑުޖައްސާލަފައެވެ. ނަމަވެސް ދިވެހިންނަށް އެކަމުގައިވެސް ވަނީ ލުއި ގޮތްތަކެއް ކަނޑައަޅާފައެވެ.

އިންޑިއާއިން ވަނީ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން ރާއްޖެ ގެނެސްދިނުމުގައިވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *