ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނީ މިއަދު މެންދުރު 2:00 ގައެވެ. މިއީ ރާއްޖެއިން ކޮވިޑް19 ފެނުނު ފަހުން ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ރައީސްގެ ވާހަކަފުޅުގައި ކޮވިޑް19 ރާއްޖެއިން ފެނުމުން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި އަދި ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވާނެއެވެ.
ގައުމަށް މިފަދަ ނުރައްކާތެރި ހާލަތެއް ދިމާވެފައި އޮތް އިރުވެސް ރައީސް ސޯލިހު ގައުމާ މުހާތަބު ނުކުރައްވާތީ ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ރާއްޖެއިން މިހާތަނަށް 8 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ކޮވިޑް19 ފެނުނު ރިސޯޓުތައް ދުވަސްކޮޅެއް ވަންދެން ބަންދު ކޮށްފައި ބެހެއްޓުމަށްފަހު ރޭގެ ވަގުތެއްގައި އެ ރިސޯޓުތައް މިހާރު ވަނީ ހުޅުވާލާފައެވެ. ކޮވިޑް19 ޖެހިފައިވަނީ ބިދޭސީންނަށެވެ. އެ އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.