ކުރެއްދޫގައި ތިބި ފަތުރުވެރިންނަށް ފުރޭނެ އިންތިޒާމް ހަމަޖައްސައިފި

ކުރެއްދޫ ރިސޯޓް ---

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސް އެއް ފެނިގެން ބަންދުކުރި ކުރެއްދޫ އައިލެންޑް ރިސޯޓު ހުޅުވާލުމާއި ގުޅިގެން އެ ރިސޯޓުގައި ތިބި ފަތުރުވެރިންނަށް ފުރޭނެ އިންތިޒާމު އެ ރިސޯޓުން ހަމަޖައްސައިފިއެވެ.

އެ ރިސޯތުގެ ފޭސްބުކް ޕޭޖުގައި މިއަދު ބުނީ ކުރިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރު ލުޔެއް ދީފައިވާ ކަމަށެވެ. އަދި އެ ރިސޯޓުގައި އެޗްޕީއޭގެ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށް ކުރެއްދޫއިން ބުނީ ރިސޯޓުގައި ތިބި ހުރިހާ ފަތުރުވެރިންގެ ހެލްތް ސްކްރީނިން ހަދަމުންދާ ކަމަށެވެ.

ކުރެއްދޫ އިން ބުނީ ހެލްތް ސްކްރީނިން ނިމުމުން، ފަތުރުވެރިންގެ ސިއްހީ ހާލު ރަނަގޅު ނަމަ މިއަދުން ފެށިގެން އެމީހުންނަށް ރިސޯޓުން ފުރުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އަދި އެމީހުން ފުރުމުގެ އިންތިޒާމުތައް އެ ރިސޯޓުން ހަމަޖައްސައި ދެވޭނެ ކަމަށެވެ.

ކުރެއްދޫއިން ހާމަކުރި ގޮތުގައި އެ ރިސޯޓު ހިންގާ ކުންފުނިން ނިންމާފައި ވަނީ ރިސޯޓު އަލުން ހުޅުވާލި ނަމަވެސް އާ ގެސްޓުން ނުގެންނަ ކަމަށެވެ. ވަކި ގޮތެއް ނިންމަންދެން ކުރެއްދޫ އަށް ބުކިން ހަދާފައި ތިބި ފަތުރުވެރިން ކްރައުންޑް އެންޑް ޗަމްޕާގެ އެހެން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމަށް ފުރުސަތު ދެވޭނެ ކަމަށާއި އެކަން ފަތުރުވެރިންނަށް އަންގާފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް19 އާއި ގުޅިގެން އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވާލެވިފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ ރިސޯޓު އަދި ކުރަމަތި މޯލްޑިވްސް އަށް އަރާ ފޭބުން ހުޅުވާލެވިފައިވާ ކަމަށެވެ.

” ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރުވެސް މި ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމް އެ ރިސޯޓު ތަކުގައި ވަނީ ހަމަޖައްސާފަ އެވެ. ” އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

އެޗްޕީއޭއިން ބުނީ މިގޮތަށް އެކަހެރިކޮށްފައިވާ ފަރާތްތައް އަމަލު ކުރާނެ ގޮތާއި ބެހޭ ގޮތުން އެކުލަވާލާފައިވާ އުސޫލުތަކާއި ޕްރޮސީޖާތަކާއި އެއްގޮތަށް، އެމީހުން އަމަލު ކުރަމުން ދޭތޯ ރިސޯޓުގެ މެނޭޖްމަންޓުން ބަލާ ކަށަވަރު ކުރަމުންދާނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ އެ ރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން “އެގްޒިޓް ސްކްރީން” ކުރެވޭނެ ކަމަށެވެ.

ކުރެއްދޫއިން ޕޮޒިޓިވްވި ހަތަރު މީހުންނާއި އެކުގައި މުޅި ޖުމްލަ ރާއްޖެއިން 8 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *