ކޮވިޑް19: ޔޫރަޕުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ ފޮޓޯ- މަދާ ޖޯންސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ޔޫރަޕުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފިއެވެ.

ޑޮނާލްޑް ޓްރަމްޕް ޓީވީއަށް ދިން ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ ކުރިއަށް އޮތް 30 ދުވަހުގެ މުއްދަތަށް ޔޫރަޕުގެ 26 ގައުމަކުން އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޓްރަމްޕް ވިދާޅުވީ އެ ނިންމެވުމުގަ އިނގިރޭސިވިލާތް ނުހިމެނޭ ކަމަށެވެ. އިނގިރޭސި ވިލާތުން މިހާތަނަށް ކޮރޯނާ ވައިރަސްއަށް 460 މީހުން ޕޮޒިޓިވް ވެފައި ވެއެވެ. އަދި ޔޫރަޕްގައި ތިބި އެމެރިކާގެ ރައްޔިތުންނަށް ގައުމަށް އަނބުރާ ދެވޭނެކަމަށްވެސް ވިދާޅުވިއެވެ.

"އެމެރިކާގައި ކޮރޯނާ ވައިރަސް އިތުރުށް ފެތުރުނަ ނުދިނުމަށްޓަކައި ޔޫރަޕްގެ ބައެއް ގައުމުތަކުން އެމެރިކާއަށް ކުރާ ދަތުރުތައްވަނީ މެދުކަނޑާލާފަ. އަދި މި އައި ބަދަލާއެކު މިއަންނަ ހުކުރު ދުވަހުގެ ރެއިން ފެށިގެން މިކަމަށް އަމަލު ކުރެވޭނެ." ޓްރަމްޕް ވިދާޅުވިއެވެ.

އޭގެއިތުރުން ޓްރަމްޕް ވިދާޅުވީ ޔޫރަޕްގެ ސަލަމަތީ ފިޔަވަޅު ވަރުގަދަ ކުރުމަށް ޔޫރަޕިއަން ޔޫނިއަނުންވެސްވަނީ ފެއިލް ވެފައިކަމަށެވެ.

ޓްރަމްޕްގެ ތަގުރީރަށް ފަހު ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާ ގަވާއިދުގެ ސަބަބުން އެމެރިކާއަށް ދަތުރުކުރުން ހުއްޓުވޭނީ އެމެރިކާއަށް ދިޔުމުގެ ކުރިން 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އީޔޫގެ ޝެންގެން ސަރަހައްދުގައި ތިބި މީހުންނަށެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ އިތުރުން އަޔަލޭންޑާއި ބަލްގޭރިއާއާއި ކްރޮއޭޝިއާއާއި ރޯމޭނިއާވެސް ދަތުރުކުރުން މަނާކުރާ ސަރަހައްދުތަކުގެ ތެރޭގައި ނުހިމެނޭނެއެވެ.

އެމެރިކާގައި ކޮރޯނާ ވައިރަސްއަށް މިހާތަނަށް 1،135 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 38 މީހަކު ވަނީ މަރުވެފައެވެ. ޔޫރަޕްގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވަނީ އިޓަލީގައެވެ. ހަމައެކަނި އިޓަލީއިންވެސް މިހާތަނަށް 12،462 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، 827 މީހަކު ވަނީ މަރުވެފައެވެ. އަދި އެގައުމު އެއްކޮށްވަނީ ލޮކްޑައުން ކޮށްފައެވެ.

ދުނިޔޭގަިއ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާއި ގުޅިގެން މިހާތަނަށް 126،380 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 4،634 މީހުންވަނީ މަރުވެފައެވެ. ޑަބްލިއުއެޗްއޯއިންވަނީ ކޮރޯނާވައިރަސްއަކީ ޕޭންޑެމިކްއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.