ކޮވިޑް19 ޓެސްޓުކުރި ދިވެއްސަކު ނެގެޓިވްވުމުން ގޭގައި އެކަހެރިކޮށްފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ޝައްކު ކުރެވުނު ދިވެއްސަކު ކަރަންޓީންކޮށް ޓެސްޓު ކުރުމުން ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮޮތޯރިޓި (އެޗްޕީއޭ) އިން ބުނެފިއެވެ.

އެމީހާއަކީ ފަރުކޮޅުފުށީގައި އައިސޮލޭޓު ކޮށްފައިވާ މީހެކެވެ. އެޗްޕީއޭ އިން މިރޭ ބުނީ އެމީހާ ކޮވިޑް19 އަށް ޓެސްޓު ކުރުމުން އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެމީހާ ގޭގައި އެކަހެރިކޮށް ހުރުމަށް ފޮނުވާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އައިސޮލޭޓު ކޮށްފައިވާ މީހަކު ކޮވިޑް19 އަށް ނެގެޓިވްވިއިރު ސަން އަކުއާ އިރުވެލި ރިސޯޓުގެ މުވައްޒަފަކު އެ ބައްޔަށް ޝައްކުވާތީ އޭނާގެ ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުން ފެނުނު ރިސޯޓުތަކަށް އަރާ ފޭބުން މަނާ ކޮށްފައި އޮންނަތާ ދުވަސްކޮޅެއް ފަހުން އެޗްޕީއޭ އިން މިރޭ ބުނީ އެ ރިސޯޓުތަކުގެ ބައެއް ބަންދު ކޮށްފައި ބެހެއްޓުމަށްފަހު އެ ރިސޯޓުތައް ހުޅުވާލާފައިވާ ކަމަށެވެ.

މިހާތަނަށް ޖުމްލަ 82 ސާމްޕްލް ޓެސްޓުކުރުމަށް ނެގުނު އިރު، 76 ސާމްޕަލް ނެގަޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ފަރުކޮޅުފުއްޓަށް އައިސޮލޭޝަންގައި 16 މީހަކު ތިބި އިރު، ވިލިވަރު ކަރަންޓީންގައި 13 މީހަކު އެބަ ތިއްބެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 121 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 124,910 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 67,050 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,585 އެވެ.

Leave a Reply

Your email address will not be published. Required fields are marked *