ރިޔާސީ އިންތިހާބަށް ކުޑަތަން ވަނީއެވެ. ރިޔާސީ ރޭހަށް ނިކުންނާނެކަން އިއުލާނު ކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން އަންނަނީ ތާއީދު ހޯދުމުގެ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންނެވެ. މީގެތެރެއިން ވެސް އެންމެ ބޮޑަށް އެ މަސައްކަތް ކުރާ އެއް ޕާޓީއަކަށް ވެފައި މިވަނީ، ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމިކަން އިއުލާނު ކޮށްފައިވާ މިހާރު ހިނގަމުން މިދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރާ މަސައްކަތެވެ.

އެޕާޓީން އަންނަނީ ސިޔާސީ އެކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު ބައްދަލުވުންތައް ބާއްވަމުންނެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހު ދެއްވި ދައުވަތަށް އިޖާބަ ދިނުމެއް ނެތި، ޖޭޕީން ރިޔާސީ އިންތިހާބަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދާދިފަހުން އެޕާޓީން ވަނީ ދީނީ ޖަމިއްޔާއެއް ކަމަށްވާ، ޖަމިއްޔަތުލް ސަލަފުގެ ލީޑަރުންނާއި ބައްދަލުކުރައްވާފައެވެ.

ރާއްޖޭގެ މަޝްހޫރު އަދި ގިނަ ބަޔަކު އިތުބާރުކުރާ ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ މި ޖަމިއްޔާއާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ޑެޕިއުޓީ ލީޑަރުން ހިމެނޭހެން ބޭއްވި އެ ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ނުލިބެއެވެ. އެ ބައްދަލުވުމަށްފަހު އިތުރު ބައްދަލުވުމެއް ވެސް ސަން އައިލެންޑުގައި ވަނީ ބާއްވައިފައެވެ. އެއީ ވެސް ސީދާ ޖޭޕީގެ ލީޑަރު ގާސިމްގެ އެދިލެއްވުމުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށް ކަމުގެ މައުލޫމާތު އެނގިލައްވާ ބޭފުޅަކު "ހަތާވީސް" އަށް ވިދާޅުވިއެވެ.

"ސަލަފުގެ ތާއީދު އޮތީ ގާސިމަށް،" އެ ބައްދަލުވުންތަކާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ފުރަތަމަވެސް ވިދާޅުވީ އެހެންނެވެ.

އެކަމަކު ވިދާޅުވިއެވެ. "އޮތީ އެންމެ މައްސަލައެއް. އެއީ ރައީސް ނަޝީދާއި ސަލަފާއި ދެމެދު މި އޮންނަ ކްލޭޝް،" ކަމަށެވެ. "އެހެން ނޫން ނަމަ މިހާރު ޖޭޕީ އަށް ސަލަފުގެ ތާއީދު އޮތްކަން އެ ޖަމިއްޔާ އިން ހާމަ ކުރާނެ އިއުލާނުވެސް ކުރާނެ،" އިތުރަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ސަލަފު ޖަމިއްޔާ އަކީ ދީނީ ހަރުކަށި ފިކުރު ފަތުރާ ޖަމިއްޔާއެކެވެ. ސަލަފު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަކީ ލާދީނިއްޔަތުގެ ކަންކަމަށް ހިތްވަރުދީ އެފަދަ ކަންކަން ރާއްޖޭގައި ފެތުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެހެންކަމުން މި ކަންބޮޑުވުންތައް ސަލަފުގައި އޮތްކަން ޖޭޕީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ އެ ޖަމިއްޔާ އިން ވަނީ ފާޅުކޮށްފައެވެ.

"ސަން އައިލެންޑުގައި ބޭއްވި އެ ބައްދަލުވުމަކީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވުމެއް ހުށަހެޅުއްވުމަކަށް ބޭއްވި ބައްދަލުވުމެއް. އެއީ ނަޝީދު އާއި ގާސިމާ އަދި ސަލަފު ގުޅިގެން ކުރިޔަށް ދާނެ ގޮތަކާއި މެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ވަކި ގޮތެއް ނުނިމެއެވެ. ސަލަފުގެ ކަންބޮޑުވުންތައް އަދިވެސް އޮތީ ހަމަ އެގޮތުގައެވެ.
ޖޭޕީން ރިޔާސީ އިންތިހާބަށް ނިކުތުން
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ވާދަ ކުރުމަށް އެޕާޓީން ނިންމީ މިމަހުގެ 14ވަނަ ދުވަހުއެވެ.

އެ ނިންމުން ނިންމުމަށްފަހު އެޕާޓީން މިހާރު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ.

ޖޭޕީން އެ ނިންމުން ނިންމާފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސޯލިހު ވަނީ ގާސިމަށް ދެއްވައިފައެވެ. އަދި ރައީސްގެ ފަރާތްޕުޅުން ބައެއް މަންދޫބުން ވެސް އެކަމުގެ މަޝްވަރާތައް ކުރެއްވުމަށް ގާސިމް އަރިހަށް މީގެކުރިން ވަޑައިގެންފައި ވެސް އެބަ ހުއްޓެވެ.

އަދި ގާސިމް އިބްރާހީމް ވަނީ ދާދިފަހުން ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ގާސިމް ވެސް އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ނަމަވެސް އޭގެފަހުން ގާސިމް ވަނީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ލީޑާޝިޕާއި ވެސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.