ބަންދުކުރި ތިން ރިސޯޓުވެސް ހުޅުވާލައިފި

ބަތަލާ ރިސޯޓު/ ފޮޓޯ- މައިސައިޓް

ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުން ފެނުނު ތިން ރިސޯޓުތަކުގައި ވަކި ސަރަހައްދެއް ބަންދުކުރުމަށްފަހު، އެ ރިސޯޓުތަކަށް އަރާ ފޭބުން ހުޅުވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް19 އާއި ގުޅިގެން އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވާލެވިފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ ރިސޯޓު އަދި ކުރަމަތި މޯލްޑިވްސް އަށް އަރާ ފޭބުން ހުޅުވާލެވިފައިވާ ކަމަށެވެ.

” ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރުވެސް މި ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމް އެ ރިސޯޓު ތަކުގައި ވަނީ ހަމަޖައްސާފަ އެވެ. ” އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

އެޗްޕީއޭއިން ބުނީ މިގޮތަށް އެކަހެރިކޮށްފައިވާ ފަރާތްތައް އަމަލު ކުރާނެ ގޮތާއި ބެހޭ ގޮތުން އެކުލަވާލާފައިވާ އުސޫލުތަކާއި ޕްރޮސީޖާތަކާއި އެއްގޮތަށް، އެމީހުން އަމަލު ކުރަމުން ދޭތޯ ރިސޯޓުގެ މެނޭޖްމަންޓުން ބަލާ ކަށަވަރު ކުރަމުންދާނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ އެ ރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން “އެގްޒިޓް ސްކްރީން” ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މި ބަލިން ރައްކާތެރި ކުރުމަށްޓަކައި، އަޅާ ފިޔަވަޅާއި، މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތްތައް ތަންފީޒު ކުރުމަށް ސިއްހީ މުވައްޒަފަކު ރިސޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ “ޕެންޑަމިކް” އެއް ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ. މިއީ ކޮރޯނާ ވައިރަސްއަކާއި ގުޅިގެން ޕެންޑަމިކް ކަނޑައެޅި ފުރަތަމަ ފަހަރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.