ސަން އަކުއާ އިރުވެލި ރިސޯޓުން ޝައްކުވާ ބިދޭސީއެއްގެ ސާމްޕަލް ނަގައިފި

ސަން އަކުއާ އިރުވެލި ރިސޯޓް/ ފޮޓޯ- އަގޯޑާ

ސަން އަކުއާ އިރުވެލި ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ ބިދޭސީއެއް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ ބިދޭސީ މީހާގެ ސާމްޕަލް ނަގާފައިވަނީ އޭނާގެ ގައިން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމުގެ ސަބަބުން ކަމަށެވެ. އަދި އެމީހާގެ ޓެސްޓުގެ ނަތީޖަ ލިބެންދެން އެ ރިސޯޓު އޮތީ މޮނީޓަރިންގައެވެ.

ސަން އަކުއާ އިރުވެލި ރިސޯޓަށް އަރާ ފޭބުން ބަންދުކުރިއިރު ރާއްޖެއިން ޕޮޒިޓިވްވި މީހުން ފެނުނު ރިސޯޓުތަކަށް އަރާ ފޭބުން މަނާ ކޮށްފައި އޮންނަތާ ދުވަސްކޮޅެއް ފަހުން އެޗްޕީއޭ އިން މިރޭ ބުނީ އެ ރިސޯޓުތަކުގެ ބައެއް ބަންދު ކޮށްފައި ބެހެއްޓުމަށްފަހު އެ ރިސޯޓުތައް ހުޅުވާލާފައިވާ ކަމަށެވެ.

މިހާތަނަށް ޖުމްލަ 82 ސާމްޕްލް ޓެސްޓުކުރުމަށް ނެގުނު އިރު، 76 ސާމްޕަލް ނެގަޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ފަރުކޮޅުފުއްޓަށް އައިސޮލޭޝަންގައި 16 މީހަކު ތިބި އިރު، ވިލިވަރު ކަރަންޓީންގައި 13 މީހަކު އެބަ ތިއްބެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 121 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 124,910 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 67,050 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,585 އެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.