ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މަދުވާތީ ވިލާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް --- މިލްކިއްޔާތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެބަހުރި: ފޮޓޯ / މަޖިލިސް

ކޮވިޑް19ގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުން އަންނާތީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަން ނިންމައިފިއެވެ.

ވިލާގެ ޗެއާމަން ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކުރައްވައި އިއްޔެ ވަނީ މިކަމާއި ގުޅިގެން ސާކިއުލާއެއް ނެރެފައެވެ. އެގޮތުން އެ ސާކިއުލާގައި ބުނެފައިވަނީ މުވައްޒަފުންގެ މުސާރަ ދަށް ކުރަނީ އެކި ގިންތިތަކަށް ބަހާލައިގެން ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ ކުންފުނީގެ ބޯޑުން ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި ބުނީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް އެކުންފުނިން ނިންމީ މުވައްޒަފުން ވަޒީފާއިން ކަނޑާލައިފި ނަމަ މުވައްޒަފުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެތީ ކަމަށެވެ. އަދި މިވަގުތު އެ ފިޔަފަޅު [މުސާރަ ކުޑަކުރުން] ނާޅައިފި ނަމަ ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތް ކަމަށްވެސް ސާކިއުލާގައިވެއެވެ. ނަމަވެސް ހާލަތު ބަދަލުވެ ކުންފުންޏަށް ވަންނަ އާމްދަނީ އިތުރުވާ ނަމަ މުސާރައަށް ބަދަލުތައް އަންނާނެ ކަމަށް ސާކިއުލާގައިވެއެވެ. އެ ކުންފުނިން ބުނީ އެކަން ކުރަން ޖެހުނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށާއި އަދި އެކަން ކުރަންޖެހުނީ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަަމަށެވެ.

މުސާރައިގެ ގޮތުގައި، 4999 ރުފިޔާއަށް ވުރެ ދަށުން މަދުން ލިބޭ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް ކުޑަ ކުރުމަށް ނިންމާފައިވާއިރު މުސާރައިގެ ގޮތުގައި 5000 އާއި 9999 ރުފިޔާ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ކުޑަ ކުރުމަށް ވިލާއިން ވަނީ ނިންމާފައެވެ. އަދި މުސާރައިގެ ގޮތުގައި، 10000 އާއި 49999 ރުފިޔާ ލިބޭ މުވައްޒަފުންގެ މުސާރައިން 35 ޕަސެންޓް ކުޑަ ކުރާއިރު، 50000 ރުފިޔާއަށް ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ކުޑަ ކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

ވިލާއިން ބުނީ އެ ކުންފުންޏަށް އާމްދަނީ ލިބެމުން ދަނީ އެކުންފުނިން ހިންގާ ރިސޯޓުތަކުން ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތުގެ ސަބަބުން ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު މަދު ކަމަށާއި އެކަމުން ކުންފުންޏަށް ލިބޭ އާމްދަނީ ދަށަށް ދާން ފަށާފައިވާ ކަމަށްވެސް ވިލާ އިން ބުންޏެވެ. އެކުންފުނިން އަންނަނީ ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *