ސްކޫލުތައް ހުޅުވުން ހަފްތާއަކަށް ފަސް ކޮށްފި

އިއްޒުންދީން ސްކޫލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެ ދަރިވަރުން ގޮވައިގެން ރައީސް ސޯލިހު --

ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެންނާއި އަދި އެ ވައިރަސް ރާއްޖެއިން ވެސް މިހާރު ފެނިފައިވުމާއި ގުޅިގެން ސްކޫލުތައް ހުޅުވުން ހަފްތާއަކަށް އެޑިއުކޭޝަން މިނިސްޓްރީން ފަސްކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް19 އާ ގުޅިގެން، މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި ދަނޑިވަޅުގައި ސްކޫލުތައް ބަންދު ކުރުމާއި ގުޅޭ ގޮތުން އެޑިއުކޭޝަނުން ގޮތްތަކެއް ކަނޑައެޅުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ސީދާ ވަކި ކަމެއް ވަކި ގޮތަކަށް ނިންމާފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކަމަކު މިހާރު ސްކޫލުތައް ހުޅުވުން ހަފްތާއަކަށް ފަސް ކުރުމަށް އެޑިއުޚޭޝަނުން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސްކޫލުތައް ހުޅުވުން ހަފްތާއަކަށް ލަސް ކުރުމަށް އެޑިއުކޭޝަނުން ނިންމާފައިވާއިރު މިދުވަސްވަރަކީ ސްކޫލުތަކުގެ މިޑްޓާމް ބަންދެވެ. އަދި އަންނަ އާދީއްތަ ދުވަހު ސްކޫލުތައް އަނެއްކާވެސް ހުޅުވޭއިރު ގިނަބަޔަކު އަންނަނީ ސްކޫލުތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ގޮވާލަމުންނެވެ. އޭގެތެރޭގައި މެޑިކަލް އެސޯސިއޭޝަނާއި ޓީޗާސް އެސޯސިއޭޝަންގެ އިތުރުން ބައެއް ޑޮކްޓަރުންވެސް ހިމެނެއެވެ.

ސްކޫލުތައް ހުޅުވުން ހަފްތާއަކަށް ފަސްކުރިއިރު ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށްވެސް ގިނަބަޔަކު އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އެކަމަށް އަދި ގޮތެއް ނުނިމެވެ.

ރާއްޖެއިން މިއަދާއި ހަމައަށް 8 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން ޕޮޒިޓިވްވެފައިވާ ހަތަރު ބިދޭސީންނާއި ސޭންޑީޒް ބަތަލާއިން ބައްޔަށް ޕޮޒިޓިވްވި ދެ ފަތުރުވެރިންނާއި މިއަދު ކުރަމަތި އައިލެންޑު ރިސޯޓުން ޕޮޒިޓިވްވި ދެ ބިދޭސީންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.