ބަންގްލަދޭޝްގައި ހުރުމަށްފަހު ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކުރަނީ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި ކޮވިޑް19 ފެތުރެމުން އަންނައިރު އެ ބަލި ފެނިފައިވާ ބަންގްލަދޭޝްގައި ހުރުމަށްފަހު ރާއްޖެއައިި ދިވެއްސަކު ކަރަންޓީން ކުރުމަށް ނިންމައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ ރާއްޖެ އައިސްފައިވަނީ ލަންކާ މަގުން ކަމަށެވެ. އަދި ބަންގްލަދޭޝްއިން އޭނާ ނިކުންތާ 14 ދުވަސް ފުރިހަމަ ނުވާ ކަމަށާއި އެހެންކަމުން އޭނާ ވިލިވަރުގައި ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަބްރޫކް ވިދާޅުވީ އެމީހާގެ އިތުރުން ސޭންޑީޒް ބަތަލާއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދެ މީހުންނާއި ކޮންޓެކްޓް ޓްރޭސްވި ބިދޭސީއަކު ފަރުކޮޅު ފުއްޓަށް ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ބަންގްލަދޭޝްގައި މަޑު ކުރުމަށްފަހު ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކޮށްފައިވާއިރު އެގައުމުން ކޮވިޑް19 ފެނުމުން ބަންގްލަދޭޝް މީހުން ރާއްޖެ އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ރާއްޖެއިން ކޮވިޑް19 ގެ 8 ކޭސްއެއް މިއަދާއި ހަމައަށް ވަނީ ފެނިފައެވެ. އަދި އެ ބަލި ޖެހުނު އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.