އިންތިހާބު ފަސްކުރަންޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އިދިކޮޅުގެ ތާއީދު ލިބޭނެ: އަދުރޭ

އަބްދުއްރަހީމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ޕީޕީއެމް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހިއްޖެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިންތިހާބު ފަސް ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފުރިހަމަ ތާއީދު އެކަމަށް ލިބިގެންދާނެ ކަަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ފަސް ކުރަން ޖެހޭފަދަ ހާލަތަކަށް ރާއްޖެ ގޮސްފައިވާކަން އަދި މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއް އައިސްފިނަމަ އެކަމަށް ޕީޕީއެމް އަދި ޕީއެންސީން ތާއީދު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އެ ކޯލިޝަނުން އަބަދުވެސް އިސްކަން ދޭނީ ދިވެހި ގައުމާއި ރައްޔިތުންގެ ރައްކާތެރި ކަމަށް ކަމަށެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އަދުރޭ ވަނީ އިންތިހާބު ފަސް ކުރުމަށް އެ ކޯލިޝަނުން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެންމެ އެދޭ ގޮތަކީ މިހާރު ނިންމާފައިވާ ތާރީހުގައި އިންތިހާބު ބޭއްވުން ކަމަށެވެ.

ރާއްޖެއިން މިހާރު ފެނިފައިވާ ކޮވިޑް19 ގެ ކޭސްތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އިންތިހާބު ފަސް ކުރުމަށް ގޮވާލަމުންނެވެ. އަދި އިންތިހާބު މިހާރު އޮތް ތާރީހުގައި ބާއްވައިފި ކަމަށްވާ ނަމަ ގިނަބަޔަކު އިންތިހާބުގައި ވޯޓުލުމަށް ނުގޮސްފާނެ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް ގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ފަސް ކުރުމަށް އެދި ސިޓީއެއްވެސް ފޮނުވާފައެވެ. އަދި މިރޭގެ 21:00ގައި އިލެކްޝަންގެ ގައުމީ ލަފާ ދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.