ކުރިއެކޭ އެއްގޮތަށް ލަންކާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ކުރިއެކޭ އެއްގޮތަށް ލަންކާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ސަރުކާރާއި ލަންކާގެ ސަރުކާރާއި ދެމެދު ވެވުނު ވިސާ އެގްރީމަންޓްގެ ދަށުން ކުރިއެކޭ އެއްފަދައިން ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބިގެންދާނެކަމަށެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ކޮރޯނާވައިރަހާ ގުޅިގެން ސްރީލަންކާ އިން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލުމާއި ގުޅިގެން ނެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ލަންކާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބުނުކަމުގައި ވިޔަސް، އެ ގައުމުގެ ސަރުކާރުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ހެދި ލަންކާ އިން މިއަދު ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެ. ލަންކާގެ އިތުރުން ތައިލެންޑުން ވެސް މިއަދު ވަނީ ބައެއް ގައުމުތަކުގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލައިފަ އެވެ. އެކަމަކު އޭގެ ތެރޭގައި ރާއްޖެއެއް ނުހިމެނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.