ކޮވިޑް19: ނޫސްވެރިން ސައްހަ މައުލޫމާތު ފެތުރުމަށް ރައީސް އެދިވަޑައިގެންފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް/ ފޮޓޯ- ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް19 ގެ ކޭސްތަކެއް ފެނިފައިވާ މި ދަނޑިވަޅުގައި އާއްމުންނަށް އެކަމާއި ބެހޭ މައުލޫމާތު ފޯރު ކޮށްދޭއިރު ސައްހަ މައުލޫމާތު ފޯރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސް މިފަދައިން އެދިވަޑައިގެންފައިވަނީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ އައްބާސް އިބްރާހިމް (ނޢޢވ) އަށް، 2018 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން އެރުވި އެވޯޑް، ނޫސްވެރިކަމުގެ އަލިމަސް ޝަރަފު ގަލަން އައްބާސް އިބްރާހިމާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ މިޒަމާނަކީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަކަމާއެކު ހަބަރު ފެތުރުމާއި ހިޔާލު ފާޅުކުރުމުގެ މަގު ފައހިވެފައިވާ ޒަމާނެއް ކަމަށެވެ. އެގޮތުން  ބައެއް ފަރާތްތަކުން ފަތުރާ މައުލޫމާތުގެ ސަބަބުން ތެދު ދޮގަށްވެ ދޮގު ތެދަށްވާ ހާލަތުވެސް މެދުވެރިވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އާންމު ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑުކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ވަނީ ކޮވިޑް-19 އާއި ގުޅޭ ހަބަރާއި މައުލޫމާތު އާއްމު ކުރުމުގައި ޤައުމީ މަސްލަހަތު އިސްކޮށް ތެދު މައުލޫމާތު ފެތުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި މިދަނޑިވަޅަކީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާ ދުވަސްވަރެއްކަމުން މިކަމުގެ ސައްހަ ތެދު މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ހުރިހާ ނޫސްވެރިންގެ ކިބައިން ރައީސްވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *