ގައުމީ ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ

ސިޔާސީ ޕާޓީތަކާއި އެކުގައި އިލެކްޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ޤައުމީ ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބާއި ގުޅޭގޮތުން ގައުމީ ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާއިރު، އިންތިހާބު ފަސްކޮށްދިނުމަށް އެދި އެމްއާރްއެމްއިންވަނީ އިލެކްޝަންސް ކޮމިޝަނަށް އެދިފައެވެ.

އެމްއާރްއެމްއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 8 މީހަކު ޕޮޒިޓިވްވެފައިވާއިރު، އިތުރު ބަޔަކު ދަނީ އެބައްޔަށް ޓެސްޓު ކުރަމުންކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވަމުންދާ ވަގުތު ކަމަށެވެ.

އެހެންނަމަވެސް މިވަގުތު ރާއްޖޭގެ ސިއްހީ ހާލަތު އޮތް ގޮތުން ދައުލަތުން އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށްގެން ކުރިޔަށް ގެންދާ އިންތިހާބަކަށް އާއްމުންގެ ތަރުހީބު ނުލިބި ވޯޓުލުމަށް ދާނެ މީހުން މަދުވުމަކީ މާލީ ގޮތުން ކުރެވޭ އިސްރާފެއް ކަމަށެވެ.

އަދި މިއީ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ތާއީދު ހޯދުމުގެ ހައްގު ލިބިގަތުމަށްވެސް ހުރަސްތަކެއް ހުރި ދަނޑިވަޅެއްކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކާއި ކަމާގުޅުން ހުރި މުއައްސަސާތަކާއި މަޝްވަރާ ކުރުމަށްފަހު އިންތިހާބު ފަސް ކުރުމަށް އެޕާޓީން ވަނީ އެދިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އެދި އެމްއާރްއެމްއިން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާއިރު، ގައުމީ މައްސަލަތަކުގެ ކަންބޮޑުވުން ހިއްސާ ކުރެއްވުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމްވަނީ މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް މަޝްވަރާކުރެވިގެންދިޔައީ ވަކި ކޮންކަމަކާއި ގުޅިގެން ކަމަށް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މައުމޫން އިއްޔެ ކުރެއްވި ޓުވީޓެއްގައި ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްދިނުމަށްވަނީ އެދިފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް އަންނަނީ އިންތިހާބު ފަސްކޮށްދިނުމަށް އެދި ގޮވާލަމުންނެވެ.

މިކަމާއި ގުޅިގެން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އެކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އެކަން ކުރެވޭނީ ޝަރުއީ ކޯޓަށް ކަމަށެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގައި އިންތިހާބެއް ނުބޭއްވޭ ފަދަ ހާލަތެއް އަދި ނެތް ކަމަށެވެ. ހުދު އެ ކޮމިޝަނުގެ އެއްވެސް މެންބަރަކަށް އެފަދަ ހާލަތެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެފަދަ ހާލަތެއް ރާއްޖެއަށް މެދުވެރިވެއްޖެ ނަމަ އިންތިހާބު ފަސް ކުރުމުގެ އިޝްތިޝާރީ ލަފަޔަކަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.