ކިބިއްސެއް އަޅާލަން ޖެހިއްޖެނަމަ ކަންކުރަންވީ އީވާ ވިދާޅުވި ގޮތަށް!

އީވާ އިއްޔެ ރައްޔިތުން މަޖިލީހުގައި ކިހިނބި އަޅަންވީ ގޮތް މެންބަރުންނަށް ދައްކާލައްވަނީ --

މިއަދު އެންމެން ވެސް މި ހުންނަނީ މީހަކު ކިނބިއްސެއް އެޅިޔަސް ބިރުން ފިތްކަނޑައިގެން ދާވަރު ވެފައެވެ. އަދި ވަކިން ހާއްސަކޮށް ކިނބިހި އަޅާއިރު ކަން ކުރަންޖެހޭ ގޮތަށް [އަނގަމަތީ އަތް ނޫނީ ރުމާލެއް ފަދަ އެއްޗަކުން ނިވާ ކޮށްގެން] ނުކޮށްފި ނަމަ ގަންނަ ބިރު އަދި މާ ބޮޑެވެ. ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހަކީވެސް މިފަދައިން މީހުން ކިނބިހި އެޅުމާއި އާދައިގެ ރޯގާއެއްގައި ދިމާވާ ހުރިހާ އަލާމާތެއް ވެސް ފެންނަ ބައްޔެކެވެ. ނަމަވެސް އާދައިގެ ރޯގާއަކަށްވުރެ ނުރައްކާތެރިއެވެ.

ގިނައިން މީހުން އެއްވެ އުޅޭ ތަންތަނާއި އޮފީސް ފަދަ ތަންނުގައި މި ބަލިން ސަލާމަތްވުމަށް ގިނަ ކަންކަން އަންނަނީ ކުރަމުންނެވެ. އެގޮތުން ބައެއް އޮފީސްތަކުގައި ކޮންމެ މުވައްޒަފެއްގެ މޭޒެއް ކައިރީގައި ސެނިޓައިޒާ ފުޅިއެއް ބަހައްޓާފައިވާއިރު ޓިޝޫ އަދި މާސްކު ފަދަ ތަކެތި ބައެއް އޮފީސްތަކުން އަންނަނީ މުވައްޒަފުންނަށް ހަދިޔާ ކުރަމުންނެވެ. އަދި ބައްޔާއި ގުޅޭ ބައެއް އެހެން ކަންކަމުގައިވެސް މުވައްޒަފުން އަމަލު ކުރަންވީ ގޮތްތައް އަންނަނީ ކިޔައި ދެމުންނެވެ.

މިފަދައިން އެކަކު އަނެކަކު އެހާމެ ކައިރީގައި ތިބެ މަސައްކަތް ކުރާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ވެގެން ދާނެއެވެ. މަޖިލީހުގެ ތަޅުން އެކުލެވިފައިވާ ގޮތުން މެންބަރުން ތިއްބަވަނީ ވަރަށް ކައިރި ކައިރީގައެވެ. މިފަދަ ބަލި މަޑުކަމެއް ފެތުރެމުންދާއިރު މެންބަރުންނަކީ ވެސް އާއްމު އެހެން ރައްޔިތުންނާއި އެހެން އޮފީސްތަކުގެ މުވައްޒަފުންނެކޭ އެއް ގޮތަށް މި ބަލީގެ އަލާމާތްތަކާއި ބަލިން ރައްކާތެރިވުމަށް ކަން ކުރަންވީ ގޮތް ކިޔައި ދެއްވަން ޖެހޭ ބައެކެވެ. އެއީ ވެސް އާދައިގެ އިންސާނުންނެވެ.

ކޮންމެއަކަސް މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ވަރަށް އިބުރަތްތެރި ވާހަކަތަކާއި ނަސޭހަތްތައް ދެއްވާ ބޭފުޅެކެވެ. އިއްޔެގެ ރައްޔިތުން މަޖިލިސް ޖަލްސާއިން ފެނިގެން ދިޔައީ މަޖިލީހުގެ ރައީސްއެކޭ އެއްގޮތަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މެންބަރުންނަށް އިރުޝާދެއް ދެއްވި މަންޒަރެވެ. އެކަމަނާ ހަމައެކަނި އިރުޝާދު ދެއްވީއެއް ނޫނެވެ. އަމަލު އެކަން ކުރަންވީ ގޮތްވެސް މެންބަރުންނަށް ކިޔައި ދެއްވިއެވެ. އެގޮތުން އެކަމަނާ ވަނީ މެންބަރުން މަޖިލިސް ޖަލްސާއެއްގައި އިންނަވަނިކޮށް ކިނބިއްސެއް އަޅަން ޖެހިއްޖެ ހާލަތެއްގައި ކަން ކުރަންވީ ގޮތް ވިދާޅުވެ ދެއްވާފައެވެ.

“މެންބަރުން، ކިނބިއްސެއް އަޅާލަން ޖެހިއްޖިއްޔާ މިހާރު ކަން ކުރެވޭނެ އެއް ގޮތަކީ ޑެބް އިނގޭތޯ. އެހެންވީމަ ރައްކާތެރި ގޮތަކީ އެއީ. ހުދު ހަމަށް ކިނބިއްސެއް ނޭޅުއްވުން،” މަޖިލިސް ނާއިބު ރައީސް އީވާ ވިދާޅުވިއެވެ.

ސުވާލަކީ ހުދު ހަމަށް ކިނބިހި ނޭޅުމަށް އީވާ އެދިވަޑައިގަތީ ކީއްވެގެންތޯއެވެ. ހުދު ހުމަށް ކިނބިހި އެޅުމަކީ ޖަރާސީމުތައް އޭގެ ސަބަބުން ވަރަށް ފަސޭހައިން ފެތުރިގެން ދާނެ ކަމެކެވެ. ހާއްސަ ގޮތެއްގައި އެހާ ކައިރި ކައިރީގައި ތިބޭއިރު އެފަދަ ގޮތަކަށް ކިނބިހި އެޅުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެނެވެ. ނަމަވެސް އީވާ ވިދާޅުވާ ގޮތަށް “ޑެބް” ކުރުމުން ޖަރާސީމުތައް ފެތުރިގެން ދިއުން ވަރަށް ބޮޑުތަނުން މަދުވާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އެހެންކަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި ފަދައިން ކިނބިހި އެޅުމަކީ ހަމައެކަނި މަޖިލިސް މެންބަރުން ކުރަންވި ކަމެއް ނޫނެވެ. އާއްމު ރައްޔިތުންވެސް އެކަމަނާ އެ ވިދާޅުވި ގޮތަށް “ޑެބް” ކޮށްގެން ކިނބިހި އެޅުމަށް އާދަ ކުރުމަކީ އެހެން މީހުންނަށް ޖަރާސީމުތައް ފެތުރިޔަ ނުދިއުމަށް އެޅިގެންދާނެ ފިޔަވަޅެކެވެ. މިފަދަ ނުރައްކާތެރި ވައިރަހެއް ދުނިޔޭގައި ފެތުރި އެ ވައިރަހުގެ އަސަރު ރާއްޖެއަށް ވެސް ކޮށްފައިވާ މި ދަނޑިވަޅުގައި އަމިއްލައަށް ކުރެވިދާނެ ބައެއް ކަންކަން ހުންނާނެއެވެ. އެހެންކަމުން އީވާ ވިދާޅުވި ފަދަ އެތައް ކަންތައްތަކެއް، ބަލިތަކުން ރައްކާތެރިވުމާއި އެހެން މީހުންނަށް ޖަރާސީމުގެ އަސަރު ފެތުރިޔަ ނުދިއުމަށްޓަކައި ހުންނާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.