ކައުންސިލް އިންތިހާބު ފަސްކޮށްދިނުމަށް އެމްއާރްއެމްއިން އެދިއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް/ ފޮޓޯ- މިހާރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްދިނުމަށް އެދި މޯލްޑިވްސް ރިފޯމް މޫމެންޓް ޕާޓީ (އެމްއާރްއެމް) އިން އެދިއްޖެއެވެ.

އެމްއާރްއެމްއިން މިފަދައިން އެދިފައިވަނީ އެ ޕާޓީއިން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފަށް ފޮނުވި ސިޓީއެއްގައެވެ.

އެސިޓީގައި ބުނެފައިވަނީ ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 8 މީހަކު ޕޮޒިޓިވްވެފައިވާއިރު، އިތުރު ބަޔަކު ދަނީ އެބައްޔަށް ޓެސްޓު ކުރަމުންކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވަމުންދާ ވަގުތު ކަމަށެވެ.

އެހެންނަމަވެސް މިވަގުތު ރާއްޖޭގެ ސިއްހީ ހާލަތު އޮތް ގޮތުން ދައުލަތުން އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށްގެން ކުރިޔަށް ގެންދާ އިންތިހާބަކަށް އާއްމުންގެ ތަރުހީބު ނުލިބި ވޯޓުލުމަށް ދާނެ މީހުން މަދުވުމަކީ މާލީ ގޮތުން ކުރެވޭ އިސްރާފެއް ކަމަށެވެ.

އަދި މިއީ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ތާއީދު ހޯދުމުގެ ހައްގު ލިބިގަތުމަށްވެސް ހުރަސްތަކެއް ހުރި ދަނޑިވަޅެއްކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކާއި ކަމާގުޅުން ހުރި މުއައްސަސާތަކާއި މަޝްވަރާ ކުރުމަށްފަހު އިންތިހާބު ފަސް ކުރުމަށް އެޕާޓީން ވަނީ އެދިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އެދި އެމްއާރްއެމްއިން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާއިރު، ގައުމީ މައްސަލަތަކުގެ ކަންބޮޑުވުން ހިއްސާ ކުރެއްވުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމްވަނީ މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.