ގަތަރުގެ ހުރިހާ ރެސްޓޯރެންޓް އަދި ކެފޭތަކުގައި ޝީޝާ ބުއިން މަނާ!

ޝީޝާ ބޭން ކުރެވިފައި/ ފޮޓޯ- ގަތަރް ލިވިންގް ޑޮޓް ކޮމް

ގަތަރުގައި ކޮވިޑް19 ފެތުރެމުންދާ މިންވަރު މަދުކުރުމަށް އެ ގައުމުގެ ހުރިހާ ރެސްޓޯރެންޓް އަދި ކެފޭތަކުން ޝީޝާ ބުއިން މަނާކޮށްފިއެވެ.

ގަތަރުގެ ޕަބްލިކް ހެލްތް މިނިސްޓްރީ (އެމްއޯޕީއެޗް) އިން ވަނީ އެގައުމުގައި އިތުރަށް ކޮވިޑް19 ފެތުރުން މަދުކުރުމަށް އެގައުމުގެ ހުރިހާ ރެސްޓޯރެންޓް އަދި ކެފޭ ތަންތަނުގައި ޝީޝާ ބުއިން މަނާކޮށްފައިވާކަން އިއްޔެގެ ވަގުތެއްގައި އިއުލާންކޮށްފައެވެ.

އެގައުމުގެ ޕަބްލިކް ހެލްތް މިނިސްޓްރީން ބުނީ ޝީޝާ ބުއިން މަނާކޮށްފައި ވަނީ މިވަގުތު އެގައުމުގެ ސިއްހީ ހާލަތަށް ބެލުމަށްފަހު އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅެއް ކަމަށް ބެލެވޭތީ ކަމަށެވެ. އަދި އެއީ ކޮވިޑް19 އިން ސަލާމަތްވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް އެ ގައުމުގެ ޕަބްލިކް ހެލްތް މިނިސްޓްރީން ބުނެއެވެ.

އެކަމާއި ގުޅިގެން އެ ގައުމުގެ ޕަބްލިކް ހެލްތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން އެ ނިންމެވި ނިންމެވުމަށް އެއްވެސް ފަރާތަކުން އެއްބާރުލުން ނުދީފިނަމަ ނުވަތަ އެއާ ހިލާފަށް އަމަލުތައް ބަހައްޓާނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެގައުމުގައި ޕްބްލިކް ހެލްތުން ވަނީ ކޮވިޑް19 އިން ސަލާމަތްވުމަށް އާންމުންނަށް އެޅޭނެ ފިޔަވަޅުތަކާއި ކުރެވޭނެކަންކަންވެސް ކުރުމަށް ބާރުއަޅައި އެކަމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް19 އަށް ގަތަރުންވަނީ 24 މީހަކު ޕޮޒިޓިވް ވެފައެވެ. ކޮވިޑް19 އާއި ގުޅިގެން ގަތަރުގެ ހުރިހާ ސްކޫލްތަކާއި، ކިޔަވައިދޭ ތަންތަން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މުއްދަތެއް ނެތްގޮތައްވަނީ ބަންދުކޮށްފައެވެ. އަދި ގަތަރުންވަނީ މިހާތަނަށް 14 ގައުމަކުން އެ ގައުމަށް ދަތުރުކުރުންވެސް މަނާކޮށްފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް 121،170 މީހުން ޕޮޒިޓީވް ވެފައިވާއިރު، 4،377 މީހުންވަނި މަރުވެފައެވެ. އަދި އެ ބަލިން ސަލާމަތްވި މީހުންގެ އަދަދު 66،904 އަށް އަރައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.