ރޮހިންޔާ މައްސަލައަށް ރާއްޖެ ވަނުމުން އޯއައިސީން މަރުހަބާ ކިޔައިފި

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް މިނިސްޓަރު ޝާހިދާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ --

ބައިނަލްއަޤްވާމީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ކުރިއަށްދާ ރޮހިންޔާ މުސްލިމުންގެ މައްސަލައަށް ތަދައްޚުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ (އޯ.އައި.ސީ)އިން މަރުޙަބާ ކިޔައިފިއެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމަށް، މިމައްސަލަ އދގެ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ދަ ގެމްބިއާއިންނެވެ. އަދި މިމައްސަލައިގައި ގެމްބިއާއާއެކު މަސައްކަތްކުރުމަށް ރާއްޖެއިން ހުށަހަޅާނެކަން އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ކުރިއަށްދިޔަ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖެނީވާގައި ކުރިއަށްދިޔަ ސެކްރެޓަރީ ޖެނެރަލްސް އޯރަލް އަޕްޑޭޓްސްގައި ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި އދއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޝްވަރާގައި އޯ.އައި.ސީގެ ފަރާތުން ރާއްޖެއަށް މަރުޙަބާ ކިޔާފައިވަނީ ޕާކިސްތާނުން އިއްވި ސްޓޭޓްމަންޓްގައި ކަމަށެވެ. މިއީ ރާއްޖޭގެ ނިންމުމަކަށް އޯ.އައި.ސީ އިން މަރުޙަބާ ކީ ފުރަތަމަ ފަހަރު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ ނިންމުމަށް، އޯ.އައި.ސީގެ ފަރާތުން މަރުޙަބާ ކިޔަމުން ޕާކިސްތާނުން ބުނީ މިއީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ ޙާލަތަކީ މިވަގުތު އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް އޯ.އައި.ސީއިން ދެކޭ ކަމަށެވެ. 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްޤުތައް ނިގުޅައިގަތުމަށް ކުރެވޭ ކަންކަން ބެލުމަށް ވަޒީރުންގެ ފެންވަރުގެ ކޮމިޓީއެއް ހެދުމަށް ފާސްކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަން ހަވާލުކުރީ ދަ ގެމްބިއާ އާއެވެ. އަދި 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުމުގައި، ރޮހިންޔާ މުސްލިމުންގެ ހައްޤުތައް ހޯދުމަށް ބައިނަލްއަޤްވާމީ ކޯޓަށް މައްސަލަ ހުށަހެޅުމަށް މެމްބަރު ހުރިހާ ޤައުމަކުން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި 2019 ވަނަ އަހަރު ސައޫދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދީ، ހައްޤުތަކަށް އަރައިގަތް މީހުންނަށް އަދަބު ދިނުމަށް ބައިނަލްއަޤްވާމީ ކޯޓަށް އޯ.އައި.ސީގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ހުއްދަ ދަ ގެމްބިއާ އަށް ދިން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރޮހިންޔާ މުސްލިމުންގެ ހައްޤުތައް ހިމާޔަތްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އައި.ސީ.ޖޭ އިން މިޔަންމާ ސަރުކާރަށް އަންގާފައިވާ މި ދަނޑިވަޅުގައި، މިމައްސަލައަށް ތަދައްޚުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ 57 ޤައުމު ހިމެނޭ ގޮތަށް، އިސްލާމީ އުއްމަތުން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި، އެމީހުންގެ ހައްޤުތައް ހޯދުމަށް މަސައްކަތްކުރާ ގިނަ ޖަމްއިއްޔާ ތަކަކުން ވަނީ އެކަމަށް މަރުޙަބާ ކިޔައި، ދިވެހިރާއްޖެއަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.