ގައުމީ މައްސަލަތަކުގެ ކަންބޮޑުވުން މައުމޫން ރައީސްއާ ހިއްސާކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް / ފޮޓޯ- ޓުވީޓާ

ގައުމީ މައްސަލަތަކުގެ ކަންބޮޑުވުން ހިއްސާ ކުރެއްވުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް މައުމޫން ރައީސް ސޯލިހާއި ބައްދަލުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި ރައީސް އޮފީހުގައެވެ. ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ގައުމީ މައްސަލަތަކުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމުގެ ފުރުސަތު ރައީސް ސޯލިހް ދެއްވިކަމަށްޓަކައި އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ބައެއް މައްސަލަތަކާ މެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަމަށް އެ ޓުވީޓުގައި ބުނެފައި ވެއެވެ.

މީގެކުރިންވެސް ރައީސް މައުމޫންވަނީ ގައުމީ އެކި މައްސަލަތަކާއި ގުޅިގެން ރައީސް ސޯލިހާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފެވެ. ރައީސް މައުމޫން ރައީސް ސޯލިހާއި މިއަދު ބައްދަލުކުރައްވާފައިވާއިރު، އެމަނިކުފާނުވަނީ ރާއްޖޭއިންވެސް ފެނިފައިވާ ކޮވިޑް19 އާއި ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރެއްވުމަށް އެދި ގޮވާލާފައެވެ.

މިކަމާއި ގުޅިގެން މިއަދު އިލެކްޝަންސް ކޮމިޝަނުން ބުނީ، ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އެކަން ކުރެވޭނީ ޝަރުއީ ކޯޓުން ކަމަށެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގައި އިންތިހާބެއް ނުބޭއްވޭ ފަދަ ހާލަތެއް އަދި ނެތް ކަމަށެވެ. ހުދު އެ ކޮމިޝަނުގެ އެއްވެސް މެންބަރަކަށް އެފަދަ ހާލަތެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެފަދަ ހާލަތެއް ރާއްޖެއަށް މެދުވެރިވެއްޖެ ނަމަ އިންތިހާބު ފަސް ކުރުމުގެ އިޝްތިޝާރީ ލަފަޔަކަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *