ދަރިވަރުންގެ ލޯނަށް އެދި 1300 ފޯމް ހުށަހަޅައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މުހައްމަދު ހުސެއިން / ފޮޓޯ: ހަތާވީސް

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކުރި މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯން އެހީއަށް އެދި 1300 ދަރިވަރުން އެޕްލިކޭޝަން ހުށަހަޅައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލުގައިވާ ގޮތުގެ މަތީން ލޯނު ހޯދަން ކުރިމަތިލުމަށް އެދި ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު ޖުމްލަ 1300 އެޕްލިކޭޝަން ވަނީ ހުށަހަޅާފައި ކަމަށެވެ.

މި އިއުލާނުގައި ވާގޮތުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 550 ދަރިވަރުންނަށެވެ. ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5ން ފެށިގެން ފެންވަރު 10ގެ ނިޔަލަށް، އަދި ލައިސަންސް ނުވަތަ ޕްރޮފެޝަލް ޕްރޮގްރާމް ތަކަށެވެ. މި ލޯނު ސްކީމަށް 151 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުޞަތު ހޯދުމަށް، ލޯން ސްކީމަށް މިފަހަރު ހުޅުވާލާފައިވަނީ ބޮޑެތި ހެޔޮ ބަދަލުތަކަކާއި އެކުގައެވެ. މިގޮތުން ވީހާވެސް ގިނަ ރައްޔިތުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ލިބިދިނުމުގެ ބޭނުމުގައި، އަދި ވަކިން ޚާއްސަކޮށް ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިސްކަންދިނުމަށްޓަކައި ލޯނު ދިނުމުގެ އުސޫލަށްވަނީ ވަރަށް މުހިންމު ބަދަލެއް ގެނެސްފައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ލޯނު ހޯދައިގެން ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހަރަދުން ބައެއް ކުރިން ލިބިފައިވާ ފަރާތްތަކަށްވެސް ކޯސް ފުރިހަމަ ކުރެވިފައި ނުވާނަމަ، އެފަރާތްތަކަށްވެސް ލޯނަށް ކުރިމަތިލެވޭގޮތަށް މިއަހަރުގެ ލޯނު އުޞޫލުގައި ކަނޑައަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯން އެޕްލިކޭޝަން ފުރިހަމަކުރުމަށް ސެޓްފިކެޓްތައް އެޓެސްޓްކުރަން ނުޖެހޭގޮތަށް ނުވަތަ އަސްލާ އެއްގޮތަށް ތައްގަނޑު ޖަހަން ނުޖެހޭގޮތަށް އުސޫލު ބަދަލުކޮށްފައިވުމަކީ ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ލޯން ހޯދައިގެން ކިޔެވުމަށް ދަރިވަރު އިޚްތިޔާރު ކުރާ ޤައުމަކުން ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު މިސަރުކާރުން ފަހިކޮށްދީފައިވާ ކަމަށާއި، ލޯނުގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ލޯނު އުސޫލުގެ ޖަދުވަލު އެކެއްގައި ބަޔާންކޮށްފައިވާ ޤައުމުތަކުންކުރެ ޤައުމެއްގައި ބަޔާންކޮށްފައިވާ ކެޓެގަރީއިން ކިޔެވުމަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނު އުސޫލުގެ ޖަދުވަލު އެކެއްގައި ބަޔާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚުތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ލޯނަށް ހޮވޭ ފަރާތްތައް އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ 20 އޭޕްރިލް ވާ ހޯމަ ދުވަހުގެ ކުރިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.