ޗައިނާއިން އައި ދިވެއްސަކު ކަރަންޓީންކޮށްފި

ޗައިނާއިން ކޮރޯނާ ވައިރަސް ފެނުން/ ފޮޓޯ- މާކެޓް ވޮޗް

ކޮވިޑް19 އާއި ގުޅިގެން ޗައިނާއިން ރާއްޖެއައި ދިވެއްސަކު ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ޗައިނާއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދިވެއްސަކު، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މީގެ އިތުރުން މިއަދު އިޓަލީގެ ރޯމްއިން ރާއްޖެއައި ދެ ދިވެހީންވެސް ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭ އިން ބުނީ އެ ދެ މީހުން ކަރަންޓީނު ކުރަނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކަމަށެވެ. އުސޫލުގެ ދަށުން އެ ދެމީހުން ވެސް 14 ދުވަހަށް ކަރަންޓީނު ކުރާނެ އެވެ.

ކޮވިޑް19 އެންމެ ބާރަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީއެވެ. އިޓަލީގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 631 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑްގެ އަށް ކޭސްއެއް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ކުރެއްދޫ ރިސޯޓުން ފެނުނު ހަތަރު ކޭސްއާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭސް ހިމެނެ އެވެ. އަދި ކުރަމަތި އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި ދެ ބިދޭސީން ހިމެނެއެވެ.

ރާއްޖެއިން ބަލި ފެނުމާ ގުޅިގެން އިޓަލީގެ އިތުރުން، ޗައިނާ، އީރާން، ބަންގްލަދޭޝް އަދި ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން ރާއްޖެއަށް މީހުން އައުން ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.