ސްކޫލުތައް ނުހުޅުވުމަށް ޓީޗަރުންގެ ޖަމިއްޔާއިންވެސް ގޮވާލައިފި

އިއްޒުންދީން ސްކޫލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެ ދަރިވަރުން ގޮވައިގެން ރައީސް ސޯލިހު --

ކޮވިޑް-19 ކޭސްތަކެއް ރާއްޖެއިންވެސް ފެނިފައިވާ އިރު އެ ބަލި ފެތުރިޔަ ނުދިޔުމަށް ސްކޫލުތައް ނުހުޅުވައި ބަހައްޓަން ޓީޗަރުންގެ އެސޯސިއޭޝަނުން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން މިފަދައިން ގޮވާލާފައިވާއިރު މިދުވަސްވަރަކީ މިޑްޓާމް ޗުއްޓީގެ ދުވަސްވަރެވެ. ނަމަވެސް މި މަހުގެ 14ވަނަ ދުވަހު އަނެއްކާވެސް ސްކޫލުތައް ހުޅުވާނެއެވެ. ޓީޗާސް އެސޯސިއޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ސިއްހީ ދާއިރާގެ މާހިރުން ލަފާދޭ ގޮތުގެ މަތިން ކޮވިޑް-19 ފެތުރިޔަ ނުދިނުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ސްކޫލުތައް ނުހުޅުވައި، ބަންދުކޮށްފައި ބަހައްޓަން ސަރުކާރަށް ގޮވާލާ ކަމަށެވެ. އެ އެސޯސިއޭޝަނުން ބުނީ އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ ދަރިވަރުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ ސިއްހަތަށް ކަމަށެވެ.

ޓީޗަރުންގެ ޖަމިއްޔާއިން މިފަދައިން ގޮވާލާފައިވާއިރު މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ވެސް ވަނީ ސްކޫލުތައް ބަންދު ކޮށްފައި ބެހެއްޓުމަށް ގޮވާލާފައެވެ. މިކަމާއި ގުޅިގެން ކޮވިޑް19ގެ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ރޭ ވިދާޅުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ސްޓެރެޓަޖިކް އެކްޝަން ޕްލޭނުގައި ވަކި ހާލަތްތަކުގައި އެއްވެ އުޅުމާ ގުޅޭގޮތުން އަމަލުކުރަން ޖެހޭ ގޮތްތައް ބަޔާންކުރާ ކަމެވެ. އަދި މިހާތަނަށް އެއްވެ އުޅުން ހުއްޓުވައި ސްކޫލުތައް ބަންދު ކުރާ ހާލަތުގައި އެއްވެސް ރަށެއް ނެތް ކަމަށް އެ އެކްޝަން ޕްލޭނާ ހަވާލާދެއްވައި އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ އިތުރު ދެ މީހަކު ފެނިފައެވެ. އަދި މި ދެ މީހުންނާއި އެކުގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 8 އަރާފައެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ ކުރަމަތި ރިސޯޓުގެ ދެ ބިދޭސީންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.