އިޓަލީން އައި ދެ ދިވެއްސަކު ކަރަންޓީން ކޮށްފި

ވީއައިއޭ އެއާޕޯޓުގައި ފަތުރުވެރިންތަކެއް: ފޮޓޯ / އަވަސް

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީގެ ރޯމް އިން މިއަދު ރާއްޖެ އައި ދެ ދިވެހީން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އެ ދެ މީހުން ކަރަންޓީނު ކުރަނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކަމަށެވެ. އުސޫލުގެ ދަށުން އެ ދެމީހުން ވެސް 14 ދުވަހަށް ކަރަންޓީނު ކުރާނެ އެވެ. ކޮވިޑް19 އެންމެ ބާރަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީއެވެ. އިޓަލީގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 631 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑްގެ ހަ ކޭސްއެއް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ކުރެއްދޫ ރިސޯޓުން ފެނުނު ހަތަރު ކޭސްއާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭސް ހިމެނެ އެވެ. ކޮވިޑްއާ ގުޅިގެން މިހާރު ފަސް ރިސޯޓް އޮތީ ލޮކްޑައުންގަ އެވެ.

ރާއްޖެއިން ބަލި ފެނުމާ ގުޅިގެން އިޓަލީގެ އިތުރުން، ޗައިނާ، އީރާން، ބަންގްލަދޭޝް އަދި ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން ރާއްޖެއަށް މީހުން އައުން ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.