ރީތި ރަށުން ކޮވިޑް19 ގެ އަލާމާތް ފެނިގެން ސާމްޕަލް ނެގީ ކުޑަކުއްޖެއްގެ

ރީތިރަށް ރިސޯޓު --

ވަންޑް އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީނުކޮށްފައިވަނީ ކުޑަ ކުއްޖެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ ރިސޯޓުން ބިދޭސީ ކުޑަ ކުއްޖެއްގެ ގައިން ވައިރަހުގެ އަލާމާތްތަކެއް ފެނިގެން އެ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ސާމްޕަލް މިރޭގެ ވަގުތެއްގައި ނެގިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އާންމުކޮށް މިފަދަ ޓެސްޓުތަކުގެ ނަތީޖާ ލިބެން 6-12 ގަޑިއިރުގެ ވަގުތެއް ނަގާ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.

ކޮވިޑް19 ގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް މި ބައްޔަށް ޖުމްލަ 86 މީހުން ސެލްފް އައިސޮލޭޝަންގައި އެބަތިއްބެވެ. އިޓަލީގެ ފަތުރުވެރިޔާ މަޑުކުރި މާގިރި ހޮޓެލް އިން 15 މީހުން ސެލްފް އައިސޮލޭޝަންގައި މަޑުކުރަން ބުނި ނަމަވެސް މެޑިކަލް ޓީމްގެ ލަފާގެ މަތިން މިހާރު 13 މީހަކަށް އެ އަދަދު ވަނީ މަދުވެފައެވެ.

ޖުމްލަ ކޮރޯނާއަށް ޕޮޒިޓިވްވެފައިވަނީ ހަ މީހުންނެވެ. އެއީ ކުރެއްދޫން ފެނުނު ތިން ކޭސް އާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭހެވެ. ކުރެއްދޫއިން ހަތަރު މީހަކަށް ކޮރޯނާ ޖެހިފައިވާކަން ކަށަވަރުވެފައިވާ އިރު، ކުރެއްދޫގައި ރޫމް އައިސޮލޭޝަންގައި 65 މީހަކު އެބަތިއްބެވެ. އަދި ކުރެއްދޫ ކޭސްއާ ގުޅުން ހުރި އިތުރު 25 މީހަކު، އެ ރަށުން ބޭރުން ވަނީ އެކަހެރިކޮށްފަ އެވެ. އެއީ ޖުމްލަ 90 މީހުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.