ބަތަލާ ރިސޯޓުން ޕޮޒިޓިވްވި އެކަކު ގާތުން ބަލަންޖެހޭ ހާލަތަށް ދިއުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލް-

ސޭންޑީޒް ބަތަލާއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދެ ފަތުރުވެރިންގެ ތެރެއިން އެކަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބަތަލާއިން ޕޮޒިޓިވް ވެފައިވަނީ ދެމަފިރިން ކަމަށެވެ. އޭގެތެރެއިން އެކެއްގެ އުމުރަކީ 70 އަހަރު ކަމަށާއި އެހެންކަމުން އޭނާއަށް ގާތުން ފަރުވާ ދިނުމަށް ޑޮކްޓަރުން އިތުރަށް ލަފާ ކޮށްފައިވާތީ، އެމީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެބޭފުޅާ އިތުރަށް ގާތުން މޮނީޓާ ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ނިންމާފައި. މިއާއެކުގައި މި ދެމަފިރިން އެއްކޮށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި. ދަރުމަވަންތަ ހޮސްޕިޓަލުގައި އެ ދެމަފިރިން ތިބޭނީ ޑީއެޗް 11 ފެސިލިޓީގައި، މި ފެސިލިޓީ އަކީ ރެސްޕިރޭޓަރީ ކަންތައްތަކަށް ސްޕެޝަލް އޮބްޒަވޭޝަން ދެވޭނެ ގޮތަށް ފަރުވާ ދެވޭނެ ގޮތަށް އިންތިޒާމު ކުރެވިފައިވާ ތަނެއް،" މަބްރޫކް ވިދާޅުވިއެވެ.

ތަކުރާރުކޮށް މަބްރޫކް ވަނީ އެތަނުން އިތުރަށް ގާތުން ފަރުވާ ދޭންޖެހެނީ އުމުރުން ދުވަސްވީ މީހާއަށް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއާ އެކުގައި ދެން ހުރި މީހާ ގެންނަނީ އެ ދެމީހުންނަކީ ވެސް ދެމަފިރިން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗުގެ ޑރ. މުއާޒު މޫސާ ވިދާޅުވީ އުމުރުން ދުވަސްވީ މީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންނަނީ އޭނާގެ ބަލި ހާލަތު މާ ބޮޑުވެގެން ނޫން ކަމަށެވެ. ނަމަވެސް އޭނާއަކީ އެހެން މީހުންނަށްވުރެ އުމުރުން ދުވަސްވީ މީހެއް ކަމުން އެމީހާއަކީ ގާތުން ފަރުވާ ދޭންޖެހޭ މީހެއް ކަމަށް ފެންނާތީ އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަނީ ކަމަށް ދރ. މުއާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަލި މީހާ ގެނައި ނަމަވެސް އޭނާ ހޮސްޕިޓަލަށް ވެއްދުމާއި އަދި އޭނާއަށް ފަރުވާ ދޭ ތަނަށް ގެންދިއުމުގައި އަމަލުކުރާނެ އުސޫލުތައް ތަފާތުވާނެ ކަމަށެވެ.

"ބަލިމީހާ އެމްބިއުލާންސްގައި ވައްދާ އެންޓްރެންސް އަކީވެސް ތަފާތު އެންޓްރެންސްއެއް، ބަލިމީހާ ލިފްޓުން އަރުވާނީ ވެސް ވަކި ލިފްޓަކުން، އަޅުގަނޑުމެންގެ މުވައްޒަފުން އެތަނަށް ވަނުމުގައި ވެސް ހާއްސަ މިންގަނޑުތަކެއް އެބަހުރޭ،" މުއާޒު ވިދާޅުވިއެވެ.

ބަތަލާ ރިސޯޓުގެ މި ދެ ފަތުރުވެރިންނަކީ އިޓަލީގެ ދެ ފަތުރުވެރިންނެވެ. މި ދެ މީހުންގެ އިތުރުން ދެން ކޮވިޑް19 ޖެހިފައިވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުގެ ހަތަރު ބިދޭސީއަކަށެވެ. ސަރުކާރުން މިރޭވެސް ވަނީ އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *