ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓުވެފައިވާ ދިވެއްސަކު ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ “ކޮންޓެކްޓް” ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކުރަމަތި އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ ދިވެއްސެއް ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ކުރަމަތިން މިއަދު ވަނީ ބިދޭސީ އަކުވެސް ކޮވިޑް19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކޮށްފައެވެ. މިކަމާއި ގުޅިގެން އެޗްޕީއޭ އިން މީގެކުރިން ބުނެފައިވަނީ ކުރަމަތި ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެން އިތުރަށް މޮނީޓާ ކުރުމަށާއި ބަލަންޖެހޭ ކަންތައް ބެލުމަށް އޭނާ އައިސޮލޭޝަން އަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އެރިސޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ.
އެ ރިސޯޓުން ކޮވިޑް19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވަނީ، އެ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ ދެމަފިރިންގެ ތެރެއިން އެކަކުގެ ގައިން ކަމަށްވަނީ ހާމަކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ހަ މީހެކެވެ. ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ، ޅ. ކުރެއްދޫ ރިސޯޓުން ހަތަރު މީހަކާއި އއ. ބަތަލާ އިން ދެ މީހެކެވެ.