ހާލަތަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓު: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން މިބަލި އިތުރަށް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ހާލަތަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ މިހާރުގެ ޙާލަތާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވަމުންނެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އަށް ޕޮޒިޓިވް 6 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ވީހާވެސް ތެދު މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް ކަންކަން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަށް ކުޑަކުރެއްވުމުގެ މުހިއްމު ކަމުގެ މައްޗަށާއި، ހުރިހާ އިދާރާއަކުންވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް މިވަގުތު ނުކުރެއްވުމަށް ބާރު އަޅުއްވައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. ހަމައެއާއެކު، ސަރުކާރުގެ ހުރިހާ ވުޒާރާތައް ގުޅިގެން މަސައްކަތްކޮށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މެންބަރުން ބައްލަވާލެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.