މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓުތަކުގެ ބިންގާ އަޅައިފި

ހުޅުމާލޭގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / ހަތާވީސް

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ބިންގާ މިއަދު ހުޅުމާލޭގައި އަޅައިފިއެވެ. މިއީ އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން އިމާރާތް ކުރާ 1،700 ހައުސިން ޔުނިޓެވެ.

ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝުކޫރުއެވެ. މި ފްލެޓުތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އެ މަސައްކަތަށް 133،237،000 ޑޮލަރު ހަރަދުވެއެވެ. މި މަސައްކަތުގެ އަމަލީ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މާލޭގެ ރައްޔިތުުންނަށް އަމާޒުކޮށްގެން އަޅާ 3،000 ހައުސިން ޔުނިޓުތަކާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ބުނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ 1،700 ފްލެޓު އަޅަނީ 11 ޓަވަރުގެ މައްޗަށް ކަމަށެވެ. އެގޮތުން އެ ޓަވަރުތައް ހަދަނީ 15 އަދި 16 ފްލޯއަށެވެ. އެ ޓަވަރުތަކުގައި 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓް ހިމެނޭއިރު ދެ ކޮޓަރީގެ 680 އެޕާޓްމަންޓުގައި 650 އަކަފޫޓު ހުންނާނެއެވެ.

މި މަޝްރޫއުގެ ދަށުން 3،000 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއެއް ހިމެނޭއިރު މިއީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވެއްސެވެ. ދެ ވަނަ ފިޔަވަހީގައި 1،300 ހައުސިން ޔުނިޓު އަޅާނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންވެސް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ވަނީ 6،860 ހައުސިން ޔުނިޓު އިމާރާތް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.