ޝައްކު ކުރެވޭ މީހަކު ފެނުމުން ރީތިރަށްވެސް ބަންދުކޮށްފި

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު --

ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހަކު ފެނުމުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަށް މީހުން އެރުމާއި ފޭބުން ވަގުތީ ގޮތުން މަނާކޮށްފިއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެމީހާ ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. އެ އެޖެންސީން ބުނީ އެ ރިސޯޓަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލެވިފައިވާ ކަމަށެވެ. 

ރީތި ރަށް ރިސޯޓުން މީހަކު ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދާދި ދެންމެ އެކު އެޗްޕީއޭ އިން ވަނީ މީގެކުރިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދެ މީހަކު ފެނުނު ސޭންޑީޒް ބަތަލާއިން ބިދޭސީއަކު އެކަހެރިކޮށްފައެވެ.

ކޮވިޑް19 ގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް މި ބައްޔަށް ޖުމްލަ 86 މީހުން ސެލްފް އައިސޮލޭޝަންގައި އެބަތިއްބެވެ. އިޓަލީގެ ފަތުރުވެރިޔާ މަޑުކުރި މާގިރި ހޮޓެލް އިން 15 މީހުން ސެލްފް އައިސޮލޭޝަންގައި މަޑުކުރަން ބުނި ނަމަވެސް މެޑިކަލް ޓީމްގެ ލަފާގެ މަތިން މިހާރު 13 މީހަކަށް އެ އަދަދު ވަނީ މަދުވެފައެވެ.

ޖުމްލަ ކޮރޯނާއަށް ޕޮޒިޓިވްވެފައިވަނީ ހަ މީހުންނެވެ. އެއީ ކުރެއްދޫން ފެނުނު ތިން ކޭސް އާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭހެވެ. ކުރެއްދޫއިން ހަތަރު މީހަކަށް ކޮރޯނާ ޖެހިފައިވާކަން ކަށަވަރުވެފައިވާ އިރު، ކުރެއްދޫގައި ރޫމް އައިސޮލޭޝަންގައި 65 މީހަކު އެބަތިއްބެވެ. އަދި ކުރެއްދޫ ކޭސްއާ ގުޅުން ހުރި އިތުރު 25 މީހަކު، އެ ރަށުން ބޭރުން ވަނީ އެކަހެރިކޮށްފަ އެވެ. އެއީ ޖުމްލަ 90 މީހުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.