އިންތިހާބު ފަސް ކުރުމުގެ މަޝްވަރާއަށް އިދިކޮޅުން ދާން ބޭނުން ވަނީ ޔާމީން މިނިވަން ކުރުމަށްފަހު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނަށް ސަޕޯޓު ކުރައްވާ އާއްމު މެންބަރުންނަށް ހަނާ އަޅުއްވަނީ --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ފަށާނެ ކަމަށް ބުނާ މަޝްވަރާގައި ބައިވެރިވާނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އަޅާ ހުރިހާ ފިޔަވަޅުތަކަށާއި އަދި ކުރާ މަސައްކަތްތަކަށް އެ ކޯލިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ. އަދި އެކަން އެގޮތުގައި ކުރުމަށް އެ ކޯލިޝަންގެ ޖޮއިންޓު ކައުންސިލުން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ކައުންސިލް އިންތިހާބަކީ ސިޔާސީ މަސައްކަތެއް ކަމަށާއި އިންތިހާބު ފަސްކުރުމަކީ ވެސް ސިޔާސީ ކަމެއް ކަމަށް ވިދާޅުވެ އާދަމް ޝަރީފު ވިދާޅުވީ ސިޔާސީ އެއްވެސް ކަމެއްގައި އިދިކޮޅު ކޯލިޝަނުން ސަރުކާރާ އެކު މަޝްވަރާއަށް ދާނީ ރައީސް ޔާމީން މިނިވަަން ކުރުމުން ކަމަށެވެ.

އޭނާ ވަނީ އިންތިހާބު ފަސް ކުރުމާ މެދު މަޝްވަރާއަކަށް ދިއުމަށްޓަކައި ސަރުކާރުން އެ ކޯލިޝަނަށް ދައުވަތު ދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އާދަމް ޝަރީފު މިފަދައިން ވިދާޅުވިއިރު މިއަދުގެ ޖަލްސާގައި ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ އިންތިހާބު ފަސް ކުރަން ޖެހޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަމަށެވެ. ސަބަބެއް ކަަމަށް އޭނާ ވިދާޅުވީ ކޮވިޑް19 ވައިރަހަކީ އާއްމު ސިއްހަތާއި ގުޅުން ހުރި ކަމަކަށް ވާތީއެވެ.

އިންތިހާބު ފަސް ކުރުމާއި މެދު މަޝްވަރާއަށް ދާނީ ޔާމީން މިނިވަން ކުރުމުން ކަމަށް އިދިކޮޅުން ބުނިއިރު އިންތިހާބު ފަސް ނުކުރުމަށް ސަރުކާރު މައިޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *