ކައުންސިލް އިންތިހާބު ފަސްކޮށްގެން ނުވާނެ: އެމްޑީޕީ މެންބަރުން

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ: ފޮޓޯ / މަޖިލިސް

ކޮވިޑް19 އާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ދެކޮޅު ހައްދައިވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވާ ތާރީހުގައި ބޭއްވުމަށް ގޮވާލާފައެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ހިންގުން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އިންތިހާބު ބާއްވަން އޮތް ތާރީހުގައި ބޭއްވުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު ވިދާޅުވީ، އިންތިހާބު ފަސް ކޮށްގެން ގައުމަށް ހަމަޖެހުމެއް ވެސް އަދި ކުރިއެރުމެއް ވެސް ނުލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބެއް ފަސް ކުރުމަކީ ގައުމަކަށް ލިބިގެން ދާނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު އޮތީ އިންތިހާބެއް ފަސް ކުރަން ޖެހޭ ފަދަ ހާލަތެއްގައި ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ މިވަގުތު ރާއްޖޭގެ ކައުންސިލްތަކުގައި ތިބި އިދިކޮޅު ކައުންސިލަރުންނަކީ ސަރުކާރަށް އެއްބާރުލުން ދީ ސަރުކާރުގެ ނިންމުންތައް ތަންފީޒު ކުރާ ކައުންސިލަރުންތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އިންތިހާބު މިހާރު ބާއްވަން އޮތް ތާރީހުގައި އިންތިހާބު ބޭއްވުން ކަމަށް ޝިޔާން ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 ގެ ހަ ކޭސްއެއް މިހާރު ފެނިފައިވާއިރު ގިނަ ބަޔަކު ބުނަމުން ދަނީ އިންތިހާބު ފަސް ކުރުމަށެވެ. މިއަދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ އިންތިހާބު ފަސް ކުރުމަށް ގޮވާލާފައެވެ.

އިންތިހާބު ފަސް ނުކޮށް މިހާރު އޮތް ތާރީހުގައި އިންތިހާބު ބޭއްވުމަށް ސަރުކާރުގެ މެންބަރުން ގޮވާލިއިރު އެމްޑީޕީން ވަނީ އެޕާޓީގެ ކެމްޕެއިންތައް މަޑުޖައްސާލާފައެވެ. ކޮވިޑް19 ގެ ސަބަބުން އިދިކޮޅު ޕީޕީއެމް އިން ވެސް ވަނީ އެޕާޓީގެ ކެމްޕެއިން ހަރަކާތްތައް މަޑު ޖައްސާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *