ހުޅުމާލެ ހޮސްޕިޓަލުންވެސް ބަލި މީހުންނަށް ޒިޔާރަތް ކުރުން މަނާކޮށްފި

ހުޅުމާލެ ހޮސްޕިޓަލް --- ފޮޓޯ / އަވަސް

ނުރައްކާތެރި ވައިރަހެއް ކަމަށް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހުން ރާއްޖެއިން ފެނިފައިވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި އޮންނަ ބަލި މީހުންނަށްވެސް ޒިޔާރަތް ކުރުން އެ ހޮސްޕިޓަލުން މަނާ ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން އެފަދަ ނިންމުމެއް ނިންމީ ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާ ދެމުން ގެންދާ ބަލި މީހުންނަށް ނުރައްކާ ވެދާނެތީއާ އަދި ބަލި މީހުންނަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ވެސް ރައްކާތެރިކަމަށްޓަކައި އަދި ހޮސްޕިޓަލުގެ ސިއްހީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބަލި މީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މިއަދުން ފެށިގެން މެދުކަނޑާލާފައެވެ. ނަމަވެސް އެ ހޮސްޕިޓަލުން ބުނީ ބަލީ މީހާއާ އެކުގައި އޭނާގެ އެހީތެރިޔާއަށް މަޑު ކުރެވިދާނެ ކަމަށެވެ. އެ ހޮސްޕިޓަލުން ވަނީ ޒިޔާރަތް ކުރުމާއި، އެނޫން އެހެން ކަންކަމުގައި ވެސް ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗާއި އޭޑީކޭ އިން ވެސް ވަނީ ބަލި މީހުންނަށް ޒިޔާރަތް ކުރުން މަނާކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ 6 މީހަކު ވަނީ ފެނިފައެވެ. މީގެއިތުރުންވެސް ބަލީގެ އަލާމާތްތައް ފެނިފައިވާ މީހުން އެޗްޕީއޭ އިން އަންނަނީ އެކަހެރި ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.