ޓްރެވެލް ރިލޭޓެޑް ކްލިނިކެއް ހުޅުވަނީ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ނުރައްކާތެރި ކޮވިޑް-19 ގެ 6 ކޭސްއެއް ރާއްޖެއިން ވެސް ފެނިފައިވާއިރު އެކަމާއި ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާ ހެނދުނު ޓްރެވެލް ރިލޭޓެޑް ކްލިނިކެއް ހުޅުވާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ މާލޭގައި ހުންނަ މާލެހިޔާ ފްލެޓް-2 ފުރަގަހުގައި އޮންނަ ހުސްބިމުގައި ޓްރެވަލް ރިލޭޓެޑް ކްލިނިކެއް ހުޅުވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި ކްލިނިކް ހުޅުވުމުގެ މަގުސަދަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކާއި ރާއްޖޭގައި ތިބި އެ ބައްޔަށް ޝައްކު ކުރެވޭ ފަރާތްތަށް އަމިއްލައަށް ބޭނުންވެގެން ޓެސްޓު ކުރެވޭނެ ގޮތް ހެދުން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެއާޕޯޓުތަކުންނާއި ޕޯޓުތަކުން ފުރާ އެންމެނަށާއި ރާއްޖެ އެތެރެވާ އެންމެނަށް އިމިގްރޭޝަންގެ ފަރާތުން ހެލްތު ޑިކްލެރޭޝަން ކާޑެއް ފުރުމަށް ދޭނެ ކަމަށެވެ. އަދި އެންމެ ބޮޑު ކަމަކަށް އައިޑެންޓިފައި ކުރާނީ 14 ދުވަހުގެ ޓްރެވެލް ހިސްޓްރީ ކަމަށާއި އެއީ ދަތުރުކޮށްފައިވަނީ ހައިރިސްކް ލެވެލް ޒޯނަކަށްތޯ ބެލުމަށްޓަކައި ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 6 މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑު ރިސޯޓުގެ ހަތަރު ބިދޭސީންނެވެ. ދެން ތިބި ދެ މީހުންނަކީ ބަތަލާ ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް އައި ދެ މީހުންނެވެ. މި އެންމެން ވެސް އަންނަނީ ފަރުކޮޅުފުށީގައި ފަރުވާ ދެމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.