ކޮވިޑް-19: ދާރުލް އާސާރުތަކާއި އުތީމު ގަނޑުވަރުވެސް ބަންދު!

އުތީމު ގަނޑުވަރު ---

ދާރުލްއާސާރާއި ހއ. އުތީމު ގަނޑުވަރާއި ހުވަދޫ ދާރުލްއާސާރު މީހުންނަށް ނުވަދެވޭ ގޮތަށް މިވަގުތަށް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ބުނީ ގޮތުގައި ދާރުލްއާސާރާއި، އުތީމު ގަނޑުވަރާއި، ހުވަދޫ ދާރުލްއާސާރު ބަންދު ކުރަން ނިންމީ ރާއްޖެއިން ވެސް ނުރައްކާތެރި ކޮވިޑް-19 ފެނިފައި ވާތީ ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެތަންތަން ދެން އާންމުންނަށް ހުޅުވާލާނެ ދުވަހެއް އެ މަރުކަޒުން ހާމައެއް ނުކުރެއެވެ. ރާއްޖެއިން މިހާރު ވަނީ ކޮވިޑް-19 ގެ ހަ ކޭސް ފެނިފައެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ހަތަރު މީހުންނާއި ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ މީހެއްގެ ގައިންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ބާއްވަން ނިންމި އެތައް ހަފްލާއަކާއި އެތައް އިވެންޓުތަކެއް ވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.