އިޓަލީ ޓޫރިސްޓު ފުރައިގެން ދިޔަ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކޮށްފި

ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް --

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދިޔުމުގައި ތުހުމަތުވާ ކަންތައްތަކެއް ހުރުމުން އެކަން ތަހުގީގު ކުރަން ޕްރޮސެކިޓަރ ޖެނެރަލް ހުސެއިން ޝަމީމް ފުލުހުންނަށް އަމުރުކުރައްވައިފިއެވެ.

ޝަމީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނީ ބައެއްގެ އިހުމާލުން ކަމަށް ބެލެވޭ ތުހުމަތުތައް ހޯދައި، ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީގެ ހައިސިއްޔަތުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. ސަރުކާރުން މިއަދު ވަނީ އޭނާ ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އެގޮތުން މާގިރި ހޮޓަލްގައި ވެސް އޭނާ މަޑުކުރި ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން އެ ހޮޓަލްގައި މަސައްކަތް ކުރާ 15 މީހަކު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާ ކަމަށާއި ނަމަވެސް އޭގެއިން އެއްވެސް މީހެއްގެ ގައިން މި ބައްޔަށް ޝައްކު ކުރެވޭ ފަދަ އަލާމާތެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ސަރުކާރުން ބުނެއެވެ.

އަދި މާލޭގައި ހުންނަ ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް އޭނާ ދިޔަ ކަމަށްވެސް ސަރުކާރުން ބުނެއެވެ. އެއާއެކު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ބައްޔަށް ޝައްކު ކުރެވިގެން ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައެވެ.

އޭނާ ރާއްޖެއިން ފުރިއިރު މިކަންކަމުގެ މައުލޫމާތު ނުލިބި އޮތީ ކީއްވެގެންކަން މިހާރު ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ތައްޔާރަށް އޮތް ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ވައިރަހަށް ޕޮޒިޓިވްވިކަން އެނގުމާއެކު އެ ރިސޯޓުގައި ތިބި ފަރާތްތައް ވަނީ މި ބައްޔަށް ޓެސްޓު ކުރަން ފަށާފައެވެ. އެގޮތުން އެ ރިސޯޓުން މިހާތަނަށް ވަނީ މި ބައްޔަށް ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.